ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން، ސަރުކާރުން ހުށަހެޅި 64.2 ބިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، ޖުމްލަ އަދަދަށް ބަދަލެއް ނުގެނެސް ފާސްކޮށްފިއެވެ. މި ބަޖެޓް ކޮމިޓީ މަރުހަލާގައި ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި ކޮމިޓީގެ ޖަލްސާއެއްގައެވެ.

މި ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، އަންނަ އަހަރުގެ ދައުލަތުގެ ޚަރަދަށް 49.2 ބިލިޔަން ރުފިޔާ ލަފާކޮށްފައިވާއިރު، އަންނަ އަހަރަށް ލަފާކުރާ އާމްދަނީއާއި ހިލޭ އެހީގެ ޖުމްލައަކީ 40.4 ބިލިޔަން ރުފިޔާއެވެ. ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި، ބޮންޑާއި ސުކޫކު އަނބުރާ ދެއްކުމަށް 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. މި ޚަރަދު ނެގުމަށްފަހު ބަޖެޓަކީ 55 ބިލިޔަން ރުފިޔާ ކަމަށް މާލީ ވުޒާރާއިން ވަނީ މަޖިލީހަށް ހާމަކޮށްފައެވެ.

ކޮމިޓީ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓަށް 3.5 މިލިޔަން ރުފިޔާ އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން، ސަރުކާރުގެ އޮފީސްތަކުގެ ކުލީގެ ޚަރަދު ކުޑަކުރުމުގެ މަޤްސަދުގައި، އިތުރު ސަރުކާރުގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ބަޖެޓް ދިރާސާކުރުމުގެ ތެރޭގައި، މިނިވަން މުއައްސަސާތަކުގެ ޤާނޫނީ ޒިންމާތައް އަދާކުރުމަށް ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ ބަޖެޓުގެ ތެރެއިން ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ވަނީ މަޖިލީހަށް ދީފައެވެ. މިގޮތަށް ޔަގީންކަން ދިނުމުގެ ބޭނުމަކީ އެފަދަ މުއައްސަސާތަކަށް ދިމާވެދާނެ މާލީ ދަތިކަން ހައްލުކޮށް، އެތަންތަން ހިނގުން ހުއްޓުނަ ނުދިނުމެވެ.

މިހާރު ކޮމިޓީން ފާސްކޮށްފައިވާ މި ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފޮނުވާނީ ފާސްކުރުމަށެވެ.