1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގޫގުލްގެ ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަން، 'ދިވަރަ' ޕްރޮޖެކްޓަށް އައްޑޫ އިން ބިމެއް ހަމަޖައްސަައިފި

tre'
އައްޑޫ ހިތަދޫ
މަރްޔަމް ޝަފާ ސައީދު
238ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

: ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ގޫގުލް އިން އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމުކުރަން ނިންމާފައިވާ އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނަށް 15،000 އަކަމީޓަރުގެ ބިމެއް ދޫކޮށް، އެ ބިމުން ލިބޭ އާމްދަނީ އައްޑޫ ސިޓީ ކައުންސިލަށް ލިބޭ ގޮތަށް ކައުންސިލުން އިއްޔެ ފާސްކޮށްފިއެވެ. މި ނިންމުންނަކީ ރާއްޖޭގެ ޑިޖިޓަލް ގުޅުންތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބެލެވޭ މަޝްރޫއަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި މަޝްރޫއަކީ އެމެރިކާގެ ނިއުޔޯކްގައި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ގޫގުލްގެ އިސްވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު ފެށިފައިވާ މަޝްރޫއެކެވެ. މި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންގެ އިތުރުން ނެޓްވޯކް ފެސިލިޓީއެއްވެސް ގޫގުލްއިން ހިތަދޫގައި ގާއިމުކުރާނެއެވެ. މި އިންވެސްޓްމަންޓަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ގުޅުންތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި މަޝްރޫއަށް އައްޑޫން ބިމެއް ދޫކުރަން ފާސްކުރީ އިއްޔެ ބޭއްވި ކައުންސިލްގެ ރަސްމީ ޖަލްސާގައެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ ބިމަކީ ހިތަދޫ ހިއްކި ބިމުން ހައުސިން މިނިސްޓްރީއަށް ހަމަޖައްސައި ރަޖިސްޓްރީކޮށްފައިވާ 15،000 އަކަމީޓަރުގެ ބިމެކެވެ. ފަހުން ސަރުކާރުން އެ ބިން އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްދިނުމަށް އެދިފައިވެއެވެ.

300 × 250

ކުރިން އެއީ ކޮން ބޭނުމެއްގައި ސަރުކާރަށް ބޭނުންވާ ބިމެއްކަމާއި ގުޅޭ ގޮތުން ކައުންސިލާއި ސަރުކާރުން މައުލޫމާތު ހިއްސާކޮށްފައި ނުވި ނަމަވެސް، އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބިން ބަދަލުކުރަން ބޭނުންވީ ގޫގުލް އިން ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ނިންމާފައިވާތީ ކަމަށް ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި ވަނީ ހާމަކޮށްފައެވެ.

ކައުންސިލްގެ ޓްރާންސްޕޯޓް ކޮމިޓީއަށް އެ މައުލޫމާތު ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒެވެ. ކޮމިޓީގައި ގޫގުލްގެ ޕްރޮޖެކްޓަށް ބިން ދޫކުރުމުން ލިބޭ އާމްދަނީ ކައުންސިލަށް ސަރުކާރުން ދޭ ގޮތަށް މަޝްވަރާކޮށް، ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ޓްރާންސްޕޯޓް ކޮމިޓީން ފާސްކުރި ގޮތަށް، ކައުންސިލްގެ ރަސްމީ ޖަލްސާއިން ނިންމުން ފާސްކޮށްދިނުމަށް ކައުންސިލަރު ޝިނާޒް އެދިވަޑައިގަތުމުން، ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު ޑރ. އައިމިނަތު އަދާލާ އާއި މަރަދޫ ކައުންސިލަރު އަހުމަދު ނާދިރު ވަނީ އެ ނިންމުމަށް ތާއީދުކުރައްވާފައެވެ.

ކައުންސިލަރު އަދާލާ ވިދާޅުވިގޮތުގައި ގޫގުލްގެ މި ޕްރޮޖެކްޓަކީ އަައްޑޫއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެހެންކަމުން މިކަމުގައި ކައުންސިލަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާގައި ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރު ވަނީ ގޫގުލްއަށް ދޫކުރާ އެ ބިމަކީ ގާތްގަނޑަކަށް މަހެއްގެ މައްޗަށް 1.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ބިމެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، މި ފައިސާ އަައްޑޫގެ ތަރައްގީއަށް ކައުންސިލަށް ލިބޭނެކަން ކަށަވަރުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.ގޫގުލްގެ "ދިވަރު" މަޝްރޫއަކީ ރާއްޖޭގެ މުވާސަލާތީ ދެ ކުންފުނި ކަމަށްވާ އުރީދޫ އާއި ދިރާގާ ވެސް ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ގޫގުލްގެ މި ޕްރޮޖެކްޓާ އެކު ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި އައްޑޫގައި ގާއިމުކުރާ މި އާ ސްޓޭޝަންގެ ސަބަބުން، ރާއްޖޭގައި ބައިނަލްއަގްވާމީ އެތައް ސަބްމެރިން ކޭބަލް ސިސްޓަމްތަކެއް ލޭންޑްކުރުމުގެ ގާބިލިއްޔަތު އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، ރާއްޖެއަކީ އޭޝިއާ، އޯޝަނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕް ގުޅުވައިދޭ އިތުބާރު ހުރި އަދި ރައްކާތެރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައި ބަދަހިވެގެންދާނެ ކަމަށާއި މި މަޝްރޫއަށް ކުރާ އިންވެސްޓްމަންޓުގެ އަދަދު އެތައް މިލިއަން ޑޮލަރަކަށް އަރާއިރު، މިއީ ހިންދު ކަނޑުގެ ސަރަހައްދުގައި އާ ޑިޖިޓަލް ގުޅުންތަކުގެ މަރުކަޒަކަށް ރާއްޖެ ވެގެންދާނެކަމުގެ ހެއްކެއް ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި