1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް، މާލޭ 'ޒުވާނުންގެ ވެހި' ރަސްމީކޮށް ހުޅުއްވައި ދެއްވައިފި

161
ރައީސް، މާލޭ 'ޒުވާނުންގެ ވެހި' ރަސްމީކޮށް ހުޅުއްވައި ދެއްވައިފި
މަރްޔަމް ޝަފާ ސައީދު
149ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"ޒުވާނުންގެ ތަރޑް ސްޕޭސް" ނުވަތަ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރި ކުރުވައި، މުޖުތަމަޢުގެ އެކި ފަރާތްތަކާއެކު އިޖުތިމާޢީ ގުޅުން ބަދަހި ކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި އަދުގެ ސަރުކާރުން މާލޭގައި ތަރައްޤީ ކުރެއްވި ފުރަތަމަ "ޒުވާނުންގެ ވެހި" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.

ލިލީމަގުގައި ހުންނަ، މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތާއި ގޯތި، ޒުވާނުންގެ ވެހީގެ ގޮތުގައި ތަރައްޤީކުރައްވައި ރަސްމީކޮށް އެތަން ހުޅުއްވައިދެއްވީ އެކަމަށް ޚާއްޞަ ކުރައްވައިގެން މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.

ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުޞަތު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކާ އެއްގޮތަށް، ގިނަ ފުރުޞަތުތަކެއް ޒުވާނުންގެ ވެހިން ލިބެން ހުންނާނެއެވެ. އެގޮތުން ކުރެހުންތެރިންނަށް ޚާއްޞަ ސަރަޙައްދަކާއި، މިއުޒިކް ރެކޯޑިންގްއަށް ޚާއްޞަ ސަރަޙައްދެއްގެ އިތުރުން، ޚާއްޞަ އިސްކަމެއްދެއްވައިގެން، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހިންގޭ "ހެޕިނަސް ލައުންޖު"ގެ ޚިދުމަތްތައް ފާހަގަކުރެވެއެވެ. މީގެ އިތުރުންވެސް ޒުވާނުންނާ ގުޅުން ހުރި ގިނަ ޚިދުމަތްތަކަކާއި ފުރުޞަތުތަކެއް، މި މަރުކަޒުން ލިބެން ހުންނާނެއެވެ.

300 × 250

"ޒުވާނުންގެ ވެހި" ފަރުމާ ކުރައްވާފައި ވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސް ކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ. މީގެ އިތުރުން، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސް ޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުޞަތުވެސް، ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވި ޒުވާނުންގެ ވެހިން ފަހިވެގެންދާނެއެވެ. މުލިއާގޭ ވެހިކަލް ގަރާޖު ހުރި ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ ސަރަޙައްދަކަށްވާއިރު، އިތުރު ޚަރަދަކާ ނުލައި، ސްޓޫޑަންޓް އައި.ޑީއާއެކު ޒުވާނުންގެ ވެހީގެ ސްޓަޑީ ހޯލްތަކުގެ ބޭނުން، ކިޔަވާ ކުދިންނަށްވެސް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

"ޒުވާނުންގެ ވެހި" ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ މަރުކަޒު ބައްލަވާލައްވައި، އެކި ޚިދުމަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް ބަދަލުކުރުމަށް ނިންމަވައި، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯދައިދިނުމުގެ ގޮތުން، "ޒުވާނުންގެ ތަރޑް ސްޕޭސް" ގެ ގޮތުގައި އެ ސަރަޙައްދު ތަރައްޤީކުރެއްވުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

މިއަދު އޮތް، "ޒުވާނުންގެ ވެހި" ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންނާއި އެކި މުޢައްސަސާތަކުގެ އިސްވެރިންނާއި، ޑިޕްލޮމެޓުންނާއި، ޒުވާނުންގެ އެޑްވައިޒަރީ ބޯޑުގެ މެންބަރުންނާއި ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވެވަޑައިގަތެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި