މާލޭގައި ގެއެއްގެ ތެރޭގައި ޒުވާން އަންހެނަކު ގަދަކަމުން ހިފަހައްޓައި، ޖިސްމާނީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ އަންގާރަ ދުވަހު، މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މާލޭ، މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު، ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެދުވަހުގެ އިރުއޮއްސި 18:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިއަދު ފުލުހުން ވަނީ، އުމުރުން 19 އަހަރުގެ އަޙްމަދު އާހިލް މުނާޒު، ހ. ފޯސީޒަން، ކ. މާލެ، ހައްޔަރުކޮށްފައިވާ ކަމަށް ހާމަކޮށްފައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މި މައްސަލައިގެ ތަހުގީގަށް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މަޢުލޫމާތު ދެއެވެ.