ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންގައި، އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީސްގެ ފަރާތުން 250،000ރ. ހަދިޔާކޮށްފިއެވެ. މި ފައިސާ އެސްޓީއޯ ގްރޫޕްގެ ފަރާތުން ހަދިޔާކުރީ ރޭގެ ވަގުތެއްގައެވެ. މި ޓެލެތޯނަކީ އަވަށްޓެރި ލަންކާއަށް ކުރިމަތިވެފައިވާ ގުދުރަތީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީސްތަކުގެ ތެރޭގައި އެސްޓީއޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވް ގޭސް، އެފްއެސްއެމް އަދި އެމްއެސްއެސް ހިމެނެއެވެ. "ސިލޯނާއެކު ދިވެހިން" ޓެލެތޯނަކީ 29 ގަޑިއިރަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޓެލެތޯންގައި މިހާތަނަށް މާލެ އަދި ހުޅުމާލޭގެ 15 ސަރަހައްދެއްގައި ބަހައްޓާފައިވާ ފަންޑު ފޮށިތަކުން، 4.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 41،000 އަށް ވުރެ ގިނަ ޑޮލަރު ވަނީ ލިބިފައެވެ. ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ މި ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޕީއެސްއެމުން އިސްނަގައިގެން ކުރިއަށް ގެންދާ މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ތިރީގައިވާ އެކައުންޓް ނަންބަރުތަކަށް ފައިސާ ޖަމާކުރެއްވޭނެއެވެ.

  • ރުފިޔާ އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން އެކައުންޓް ނެމްބަރު: 7730000796107
  • ޑޮލަރު އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން އެކައުންޓް ނެމްބަރު: 7730000796106