ދިވެހިރާއްޖޭގެ ފުރަތަމަ 100 މެގަވޮޓްގެ ފްލޯޓިންގ-ސޯލާ މަޝްރޫޢު ކަމަށްވާ "ޕްރޮޖެކްޓް ސޯލާ ސިޓީ" ގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ. މިއީ، ރާއްޖޭގެ ފުރަތަމަ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އެސްއީޒެޑް) ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތް ފެށުމާއެކު، ޕްރޮޖެކްޓް ސޯލާ ސިޓީ ރޭވުމުގެ މަރުޙަލާއިން، މަސައްކަތް ހިންގުމުގެ މަރުޙަލާއަށް ރަސްމީކޮށް ބަދަލުވެފައިވާ ކަމަށެވެ.
އަވިން 100 މެގަވޮޓުގެ ކަރަންޓު އުފައްދައި ނޭޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށް މާލެ އަތޮޅުގެ ފަޅެއްގައި މި ފްލޯޓިން ސޯލާ ޕްރޮޖެކްޓް ހިންގުމަށް ހަވާލުކޮށްފައިވަނީ، ކެނެޑާގެ އެބްރަކްސަސް ޕަވަ ކޯޕަރޭޝަން ކުންފުންޏާއެވެ. މި ކުންފުންޏަށް މަޝްރޫޢު ހިންގުމުގެ ފުރަތަމަ މަރުހަލާގެ ހުއްދަ އިޤްތިޞާދީ ވުޒާރާއިން ދީފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މި ޕްރޮޖެކްޓުގެ ޓެކްނިކަލް ޕާޓްނަރަކީ، ސަންގްރޯ ޕަވަ ސަޕްލައި ކޯއެވެ.
މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ފެށުމުގެ ގޮތުން، މަޝްރޫޢު ހިންގާ ރަށްތަކުގައި، މަސައްކަތް ފެށުމަށް ތަކެތި ގެނައުމާއި، ގޮނޑުދޮށް ޙިމާޔަތް ކުރުމާއި، ބިން ހިއްކުމުގެ މަސައްކަތް މިހާރު ރަސްމީކޮށް ފެށިފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ހާމަކުރެއްވިއެވެ. މި މަސައްކަތްތައް ފެށީ، މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ ހުއްދަ ލިބުމާ ގުޅިގެންނެވެ. މި ފިޔަވަހީގެ މަސައްކަތްތަކުގެ ސަބަބުން ފްލޯޓިންގ-ސޯލާ ޕްލެޓް ފޯމަށާއި، އެސްއީޒެޑްގެ އެހެނިހެން ބައިތަކަށް ބޭނުންވާ މުހިންމު އޮނިގަނޑުތައް ތައްޔާރު ކުރުމަށް މަގުފަހިވެގެންދާނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.