ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވިޔަފާރިވެރިންގެ މުދާ ޑެމެރޭޖް ނާރާ ގޮތަށް ބެހެއްޓޭ މުއްދަތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަދި މުދާ ކްލިއަރިންސް ޚިދުމަތް މިހާރު ހުންނަ ގޮތަށް ބަދަލުކޮށް، 24 ގަޑިއިރު ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިކަން ހާމަކުރެއްވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވިޔަފާރިވެރިން ފާހަގަކުރެއްވި ގޮތުގައި، މިހާރު އެއަރޕޯޓުގައި އެމްއޭސީއެލްއިން މުދާ ކްލިއަރ ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭތީ، މުދާ ގިނަ ވަގުތު ބަހައްޓަން ޖެހި ޑެމަރޭޖް ފީ އިތުރުވެގެންދެއެވެ. ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މުދާ ކްލިއަރ ކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން އެމްއޭސީއެލްއާއި މަޝްވަރާކޮށް، ޑެމަރޭޖް ނާރާ ވަގުތު 124 ގަޑިއިރަށް އިތުރުކޮށް، ކަސްޓަމްސްއާއި އެމްއޭސީއެލް ގުޅިގެން ކްލިއަރިން މަސައްކަތް މިހާރު އޮންނަ 18 ގަޑިއިރާ ބަދަލުގައި 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވަނީ ބޭރުން މުދާ ގެންނަ ވިޔަފާރިވެރިންނަށް އެއަރޕޯޓު އަދި ސީޕޯޓުތަކުގައި ދިމާވާ ހުރިހާ ދަތިތަކެއް ހައްލުކޮށްދިނުމަށް މަޝްވަރާކޮށްގެން ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ވިޔަފާރިވެރިންނަށް ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ވެސް ހައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. ވިޔަފާރިވެރިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި ބިދޭސީންގެ ކޯޓާ މައްސަލައާއި، ބިލްތަކަށް ފައިސާ ނުލިބި ދައުލަތަށް ޓެކްސް ދައްކަން ޖެހުން ފަދަ މައްސަލަތައް ހިމެނެއެވެ. މިމައްސަލަތަކުގައި ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާ ހޯއްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފައިސާ ނުލިބި ހުރި ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ، ދައުލަތުން އެފަރާތްތަކަށް ދައްކަން ހުރި ފައިސާއިން ކަނޑާލެވޭނެ ގޮތަށް އިންތިޒާމު ހަމަޖައްސަވައި ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރައްވައި، އެފަދަ ވިޔަފާރިތަކަށް އެއް އުޅަނދުނަމަވެސް ރަޖިސްޓްރީ ކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް މަޝްވަރާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އަންނަ މަހު ތިލަފުށީގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓާނެކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ މަޤްސަދަކީ ގޯސްކޮށް ހުރި ކަންކަން ހަރުދަނާކޮށް، ރަނގަޅަށް ހިންގަމުންދާ ކަންކަން އިތުރަށް ރަނގަޅުކުރުން ކަމަށެވެ. އަދި ޖުމްލަކޮށް ވިޔަފާރިވެރިންނަށް ދިމާވެފައިވާ ހުރިހާ ގޮންޖެހުންތަކަށް މަޝްވަރާކޮށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ޑެމެރޭޖް ނާރާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރުކޮށް، މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލު ކުރަނީ!

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.