ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން (އެސްއެމްއީ) ކުނި އުކައިދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނަގަމުންދާ ފީ، އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުޑަކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ. ވެމްކޯއިން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ އެދުމުގެ މަތިން ކުނި އުކުމުގައި މިހާރު ކަނޑައަޅާފައިވާ ބޭންޑުތަކަށް ބަދަލު ގެނެސް ފީތައް ކުޑަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެންނެވެ. ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެސްއެމްއީތަކުން މިހާރު ނަގަމުންދާ ފީތަކަށް ލުއިތަކެއް ދިނުމަށްޓަކައި ވަކި ބޭންޑުތަކެއް ތަޢާރަފްކުރުމަށް އެ ކުންފުނިން މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި އެ މަޝްވަރާތަކަށްފަހު ކަނޑައެޅޭ އައު ބޭންޑުތައް ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރިތަކަށް އެނގޭނެހެން އިޢުލާން ކުރާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ. މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ނިންމެވި ނިންމެވުމެކެވެ. ވިޔަފާރިވެރިން ވަނީ ކުނި އުކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ. ވިޔަފާރިވެރިންގެ މި ހުށަހެޅުންތަކާ ގުޅިގެން، އެ މައްސަލައަށް އެދެވޭ ބަދަލެއް ގެނައުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވެމްކޯއަށް އަންގަވާފައެވެ. މިގޮތުން ގެނެވޭ ބަދަލާއެކު ކުދި ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް, ވެމްކޯއިން ކުނި އުކައިދޭ ފީ ފެބްރުއަރީ އިން ފެށިގެން ކުޑަ ކުރަނީ

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.