ޢިލްމު ހޯދުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ އަސާސީ ހައްޤެއް ކަމަށާއި، އެކަން ފެށިގެން އަންނަނީ އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަ ހިސާބުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން ސޯޝަލް މީޑީއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، މިއަދު ފާހަގަކުރާ ބްރައިލް ދުވަހަކީ ލޮލުގެ ފެނުމުން މަޚްރޫމްވެފައިވާ ފަރާތްތައް ބާރުވެރިކޮށް ވިލުންތެރި ކުރުމަށް މުހިންމު ދުވަހެއް ކަމަށެވެ. މިކަން ކުރުމުގައި އެފަރާތްތަކުން ކިއުމުގައި ބޭނުންކުރާ ބްރައިލް ނިޒާމަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އެކަމަނާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ޢިލްމު ހޯދުމަކީ ވަކި ބަޔަކަށް އޮތް އިމްތިޔާޒެއް ނޫން ކަމަށާއި، އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށެވެ. އަދި މި ހައްޤު ކަށަވަރުކޮށްދިނުމުގެ މަސައްކަތް ފެށެނީ، އެހެން މީހުންގެ އިހުސާސްތައް ދެނެގަނެ، އެމީހުންގެ ބޭނުންތައް ދެނެގަންނަ ހިސާބުން ކަމަށް ވިދާޅުވިއެވެ. މެޑަމް ސާޖިދާ ވަނީ، މުޖުތަމަޢުގެ ކޮންމެ ފަރުދަކީވެސް އެފަރާތްތަކުގެ މަސައްކަތް ފެންނަކަން އިޙުސާސްވާ، އަދި އެފަރާތްތަކުގެ މަސައްކަތަށް މުޖުތަމަޢުގެ ތެރެއިން ހިތްވަރު ލިބޭ ބަޔަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ފަރާތްތަކަކީ މުޖުތަމަޢުގެ ތެރޭގައި ބާރުވެރި ބަޔަކަށް ހަދައި، އޯގާތެރިކަމާއެކު އެފަރާތްތަކާއެކު ސާބިތުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގޮވާލައްވާފައެވެ. ބައިނަލްއަޤުވާމީ ގޮތުން ބްރެއިލް ދުވަސް ފާހަގަކުރަން ފެށީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމުގައި ބްރެއިލްގެ ބާރާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށެވެ. މި ދުވަސް ގުޅުވާފައިވަނީ ބްރެއިލްގެ ބާނީ ލުއީސް ބްރެއިލްގެ އުފަންދުވަހާއެވެ. ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަސް ދުނިޔޭގެ ބްރެއިލް ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.