ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް، އެ މަސައްކަތް ކުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރުވެއްޖެއެވެ. ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތަައް ވަމުންދާ ކަމަށެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރ މިހާރު ދިއްދޫއަށް ގެންގޮސްފައިވާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވި ގޮތުގައި، ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެކެވެ. "ލެއިވް އެރިކްޝަން" ނަމަކަށް ކިޔާ މި ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރަކީ 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މިއީ ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން ގެނައި ތިންވަނަ ޑްރެޖަރެވެ. މީގެ ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ނެދަލޭންޑުގެ ބޮސްކާލިސްގެ ދެ ޑްރެޖަރެއް ކަމަށްވާ "ޕްރިންސް ޑާ ނެޑަލަންޑަން" އާއި "އޮރަންޖީ" ވަނީ ރާއްޖެ ގެނެސްފައެވެ. ދިއްދޫ އެއާޕޯޓުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 102.73 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ދިއްދޫގެ ތަރައްޤީއަށް ވެވަޑައިގެންނެވި ކޮންމެ ވަޢުދަކީ އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަން އޮތުމުން ވެވަޑައިގެންނެވި ވަޢުދުތަކެއް ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ، "އެންމެ ޚާއްޞަ ކަމަކަށް ކުރާ އެއާޕޯޓުގެ މަސައްކަތަކީ، ދިއްދޫގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއް ކަމަށާއި، އެއީ ދިއްދޫއާއި މުޅި އަތޮޅުގެ މެދު އަދި ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭނަށް މުހިންމު މަޝްރޫޢުއެއް" ކަމަށެވެ.
ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މާދަމާ ފަށަނީ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.