ކުރިއަށް އޮތް ރަމަޟާން މަހުގައި އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ތަކެތި ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދެއްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ކުރިއަށްގެންދަވާ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ސައީދު ވިދާޅުވީ އަސާސީ ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެއް ކަމަށެވެ. އަދި ހާއްސަކޮށް ރޯދަމަހު ރައްޔިތުންނަށް ތަކުލީފު ބޮޑުނުވާނެ ގޮތަށް ކާބޯތަކެތީގެ އަގުތައް ހިފަހެއްޓެވުމަކީ ރައީސްގެ ހާއްސަ އިރުޝާދެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އެސްޓީއޯ މެދުވެރިކޮށް އަގުތައް ކޮންޓްރޯލްކުރުން އަސާސީ ކާބޯތަކެތީގެ އަގު ބޮޑުވިޔަނުދިމަށްޓަކައި، ކެއިން ބުއިމުގައި އެންމެ ޒަރޫރީ ކާނާގެ ގޮތުގައި 10 ބާވަތެއްގެ ތަރުކާރީއާއި 10 ބާވަތެއްގެ މޭވާގެ އިތުރަށް އިތުރު ތިން ބާވާތެއްގެ ކާނާ ކަނޑައަޅުއްވައި، އެތަކެތި ހެޔޮ އަގުގައި ބާޒާރުން ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް އެސްޓީއޯއާ ވަނީ ހަވާލުކުރައްވާފައެވެ. މިހާރުވެސް މާލޭގެ ހޯލްސޭލް ފިހާރައިން މި ބާވަތްތައް ހެޔޮ އަގުގައި ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ހުޅުމާލެ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައިވެސް މި ތަކެތި ހެޔޮ އަގުގައި ލިބޭނެ އިންތިޒާމުތައް އެސްޓީއޯއިން ވަނީ ހަމަޖައްސާފައެވެ. އަދި 3,000 މީހުންނަށްވުރެ އާބާދީ ބޮޑު ހުރިހާ ރަށެއްގައި އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް މި ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސަޕްލައި ޗެއިން ކަށަވަރުކުރުން ވަޒީރު ވިދާޅުވީ އަސާސީ ބާވަތްތަކުގެ ސަޕްލައި ޗެއިންއަށް ކޮންމެ ފަދަ ގޮންޖެހުމެއް ކުރިމަތިވި ނަމަވެސް، އެ ތަކެތި ރާއްޖެއަށް ގެނެސް އަތްފޯރާ ފަށެއްގައި ވިއްކުމަށް އެސްޓީއޯއިން މަސައްކަތް ކުރާނެ ކަމަށެވެ. "ޖުމްލަކޮށް މިކުރެވޭ މަސައްކަތް ނިމޭއިރުގައި ކޮންމެވެސް ސިފައެއްގައި އެސްޓީއޯ މެދުވެރިވެގެން މިތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،" ސައީދު ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި އަސާސީ ކާބޯތަކެތީގެ އިތުރުން، ދިރިއުޅުމަށް ބޭނުންވާ އެހެން މުދަލެއްގެ އަގަށް ނުރަނގަޅު ބަދަލެއް އައިސް ބާޒާރުން ލިބުން ދަތިވާނަމަ، އެފަދަ މުދާވެސް އެސްޓީއޯ މެދުވެރިކޮށް އެތެރެކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރޯދަމަހު އަސާސީ ކާބޯތަކެތި ހެޔޮ އަގުގައި ލިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ސައީދު ދެއްވައިފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.