ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. މާފަރަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ މީހެކެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގުމާއި، މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ. މި ހާދިސާއާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އޭނާގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ބަހުން އޭނާގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. މީގެ އިތުރުން، އޭނާއަކީ މީގެ ކުރިންވެސް ހައްޔަރު އަދި ބަންދުގެ ރެކޯޑް އޮތް މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. ކޯޓުން ބުނެފައިވަނީ އޭނާއަކީ ކުށް ތަކުރާރުކޮށް ކުރުމުގެ އިހުތިމާލު މަތީ ދަރަޖައަކަށް އޮތް މީހެއް ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.