ނެސްލޭ ކުންފުނިން އުފައްދާ މަޝްހޫރު "އެސްއެމްއޭ" މަރުކާގެ އިންފެންޓް ފޯމިއުލާ އާއި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗްތަކުން ވިހަ މާއްދާއެއް ކަމަށްވާ "ސެރެއުލައިޑް" ފެނިފައިވާތީ، އެ ތަކެތި ރާއްޖެ އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ. އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ނެސްލޭއިން އުފައްދާފައިވާ މި އުފެއްދުންތަކުގެ ބައެއް ބެޗްތަކުން ވިހަ މާއްދާ ފެނިފައިވާތީ، އެ ތަކެތި ބާޒާރުން ނެގުމަށް ނިންމާފައިވާކަން އެ ކުންފުނިން މިހާރު ވަނީ އިއުލާންކޮށްފައެވެ. މިއީ ކުޑަކުދިންނަށް ދޭ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ. "ސެރެއުލައިޑް" އަކީ ބެސިލަސް ސީރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ. އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި، މި މާއްދާއިން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ބޭނުންކޮށްފިނަމަ، ކުޑަކުދިންނަށް ސިއްހީ ގޮތުން ނުރައްކާތަކެއް ކުރިމަތިވެދާނެއެވެ. މި މާއްދާ ހަށިގަނޑަށް އެތެރެވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުމާއި، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ހިމެނޭ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ. އެހެންކަމުން، ބެލެނިވެރިން މިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި، ބާޒާރުގައި ވިއްކުމަށް ބެހެއްޓުމަކީ މިހާރު މަނާ ކަމެކެވެ. އެމްއެފްޑީއޭއިން ދަނީ މި އުފެއްދުންތައް ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށާއި، ބާޒާރުގައި ހުރި މިފަދަ ތަކެތި ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.
ނެސްލޭގެ 'އެސްއެމްއޭ' ބްރޭންޑުގެ ބައެއް ބެޗުތަކުން ވިހަ މާއްދާއެއް ފެނިގެން, ރާއްޖޭގައި މަނާ ކޮށްފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.