ފ. ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒަށް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ދޭ ދުނިޔޭގެ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ކަމަށްވާ 'ޒައިދު ސަސްޓެއިނަބަލް އެވޯޑް' ލިބިއްޖެއެވެ. މި އެވޯޑް އެ ސްކޫލަށް ލިބިފައިވަނީ ގްލޯބަލް ހައި ސްކޫލް ކެޓެގަރީން ދެކުނު އޭޝިއާ ސަރަހައްދުގެ ގިނަ ސްކޫލްތަކަކާ ވާދަކޮށްގެންނެވެ. އަބޫދާބީގައި މިހާރު ކުރިއަށްދާ 'އަބޫދާބީ ސަސްޓެއިނަބަލް ވީކް' ހުޅުވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެވޯޑާ ސްކޫލްގެ ފަރާތުން ހަވާލުވެލެއްވީ ޕްރިންސިޕަލް އަބްދުﷲ އަހްމަދެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި އެވޯޑާއެކު އިނާމެއްގެ ގޮތުގައި އެ ސްކޫލަށް 150,000 އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. ފ. އަތޮޅު ތައުލީމީ މަރުކަޒަށް މި އެވޯޑް ލިބުނީ ދަރިވަރުން އިސްނަގައިގެން ހިންގި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގިނަ މަޝްރޫއުތަކެއްގެ ސަބަބުންނެވެ. އޭގެ ތެރޭގައި ސޯލާ އަދި ވައިގެ ހަކަތަ ބޭނުންކުރުމާއި، ވާރޭފެން ރައްކާކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އިތުރުން ހައިޑްރޮޕޯނިކްސް އީޖާދުތައް ހިމެނެއެވެ. މީގެއިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ސިއްހަތާއި، ފެން މެނޭޖްކުރުމުގެ ދާއިރާއިން އެ ސްކޫލުން ކުރި މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ. https://twitter.com/ZSP_ORG/status/2011020598109954285?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2011020598109954285%7Ctwgr%5E8f709fa1a194300576c39dfcfd8cce9700ffeff0%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F172453 މިއީ މި އެވޯޑަށް އެ ސްކޫލުން ކުރިމަތިލީ ދެވަނަ ފަހަރެވެ. މި މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުނީ ސްކޫލްގެ އޭ ލެވެލް ދަރިވަރުންނާއި ނޭޗާ ކްލަބެވެ. މި ހަރަކާތްތަކުގައި ސްކޫލްގެ ދަށް ގްރޭޑްތަކުގެ ދަރިވަރުންވެސް ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. އެ ސްކޫލުން އެވޯޑަށް ހުށަހެޅި އިޔާދަކުރަނިވި ހަކަތަ، ފެން، ކާނާ، ކްލައިމެޓް އެކްޝަން އަދި ސިއްހަތުގެ ދާއިރާ ހިމެނޭހެން ހުރިހާ ދާއިރާއަކުންވެސް ވަނީ ކާމިޔާބީ ހޯދާފައެވެ. ޒައިދު ސަސްޓެއިނަބަލް އެވޯޑަކީ 2008 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. މީގެ ކުރިން 2015 ވަނަ އަހަރު ރާއްޖޭގެ އައްޑޫ އިންޓަނޭޝަނަލް ހައި ސްކޫލަށް ވެސް މި އެވޯޑް ލިބިފައިވެއެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ފ. އަތޮޅު ތައުލީމީ މަރުކަޒުން ދައްކުވައިދިނީ ދަރިވަރުންގެ އިސްނެގުމާއެކު ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ސްކޫލްތަކަށް ކާމިޔާބީ ހޯދިދާނެކަމެވެ.