އެޕާޓުމެންޓު ކުއްޔަށް ދޫކުރުމުގެ ނަމުގައި އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނެގި މައްސަލައެއްގައި ދައުވާ އުފުލާފައިވާ މީހަކު 18 މަސްދުވަހަށް ގޭބަންދުކުރުމަށާއި، ގެއްލުންވި މީހުންނަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލާގައި ދައުލަތުން މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާއެއް އުފުލާފައިވަނީ މ.ގްރީންޕީކްގޭ އަލީ ނަސީމުގެ މައްޗަށެވެ. އޭނާ ވަނީ އެޕާޓުމެންޓު ކުއްޔަށް ދިނުމުގެ ނަމުގައި އެޑްވާންސް ފައިސާގެ ގޮތުގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައެވެ. އަލީ ނަސީމު ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައި، ޝަރީއަތުގައި ކުށަށް އިއުތިރާފުވެފައެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ފުރަތަމަ ދައުވާގެ އަދަބެއްގެ ގޮތުގައި އޭނާ 8 މަހަށް ގޭބަންދުކޮށް، 33,600 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި ގެއްލުންވި މީހުންނަށް 1,027,000 ރުފިޔާ 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. ދެވަނަ ދައުވާގައި ދެ މަސްދުވަހުގެ ގޭބަންދުގެ އަދަބަކާއެކު 8,400 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ގެއްލުންވި މީހުންނަށް ނުދީ ހުރި 286,500 ރުފިޔާ ހަ މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ. ތިންވަނަ އަދި ހަތަރުވަނަ ދައުވާގައި ކޮންމެ ދައުވާއަކަށް 4 މަސްދުވަހުގެ ގޭބަންދުގެ އަދަބެއް ވަނީ އިއްވާފައެވެ. މި ދެ ދައުވާގެ ދަށުން ކޮންމެ ފަހަރަކު 5,200 ރުފިޔާއިން ޖޫރިމަނާކޮށް، ގެއްލުން ލިބުނު މީހުންނަށް 183,500 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފައެވެ.

ޖުމްލަ އަދަބު

އަލީ ނަސީމުގެ މައްޗަށް އުފުލި ހަތަރު ދައުވާގެ ޖުމްލަ އަދަބެއްގެ ގޮތުން އޭނާ 18 މަސްދުވަހު ގޭބަންދުކުރުމަށާއި، 52,400 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި އެކި މީހުންގެ އަތުން އޮޅުވާލައިގެން ނެގި ފައިސާގެ ބަދަލުގެ ގޮތުގައި ޖުމްލަ 1,532,000 ރުފިޔާ ގެއްލުންވި މީހުންނަށް ދެއްކުމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.