ސަރުކާރުން އަލަށް ހުޅުވާލި ބޯހިޔާވަހިކަމުގެ ސްކީމަށް އެދި މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ފްލެޓަށް އެދި 399 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ. އަދި ގޯއްޗަށް އެދި 119 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، 3,836 މީހުން މިހާރުވެސް ޑްރާފްޓް ސްޓޭޖުގައި ފޯމު ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މި ބުރުގައި ސަރުކާރުން ހުޅުވާލާފައިވަނީ ޖުމްލަ 15,000 ގޯއްޗާއި 79,000 ފްލެޓަށެވެ. މި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އިއްޔެއެވެ. ފޯމު ހުށަހެޅުމުގެ ހުރިހާ ކަމެއްވެސް ކުރިއަށްދަނީ "ހިޔާވެހި" އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އުސޫލުގައިވާ ގޮތުން، ފޯމު ހުށަހެޅުމަށްފަހު އެ ފޯމެއް ކެންސަލެއް ނުކުރެވޭނެއެވެ. ނަމަވެސް، ފޯމު ހުށަހެޅުމުގެ ކުރިން ޑްރާފްޓް މަރުހަލާގައި ބައިންދައިގެން ބޭނުންވާ އުނި އިތުރުތައް ގެނައުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ކޮންމެ މީހަކަށްވެސް ހުށަހެޅޭނީ ފްލެޓް ނުވަތަ ގޯތި، މިއިން ކޮންމެވެސް އެއް ސްކީމަކަށެވެ. މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ. ފޯމު ހުށަހެޅުމާ ގުޅޭ އިތުރު މަޢުލޫމާތާއި، އުސޫލުތަކާއި ޝަރުތުތައް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނާއި ސަރުކާރުގެ ގެޒެޓުން މިހާރު ލިބެން ހުންނާނެއެވެ.
ގޯއްޗާއި ފުލެޓަށް އެދި 1 ދުވަސް ތެރޭ 500 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވޭ: ވުޒާރާ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.