ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއްކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ހޯދި ބޮޑު ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. ތައިލޭންޑްގެ ނޮންތަބުރީ ސްޓޭޑިއަމްގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުން ހޯދި މި ފަހުރުވެރި ކާމިޔާބީ ފާހަގަކުރައްވާ ރައީސް ވަނީ ސޯޝަލް މީޑިއާގައި ޚާއްޞަ މެސެޖެއް ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރީން މި ހޯދި ބޮޑު ކާމިޔާބީގެ އުފަލުގައި މާތްﷲގެ ޙަޟްރަތަށް ޙަމްދު ކުރައްވާ ކަމަށެވެ. އަދި ޤައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރަައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާކަމެއް. ވަކީން ޚާއްޞަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް،” ރައީސް
މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ކަށަވަރުކުރީ، މިއަދު ކުޅުނު މުބާރާތުގެ ފަސްވަނަ މެޗުގައި ބޫޓާނުގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ. ބެންކޮކުގެ ނޮންތަބުރީ އިންޑޯ ހޯލުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ބޫޓާނުންނެވެ. ނަމަވެސް، ރާއްޖޭގެ އަބްދުﷲ ޖުނައިދު (ޖެންނޭ) ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފުގައި ރާއްޖެއިން ކުޅުން ވަރުގަދަކޮށް، އަހްމަދު ހަމީދު (އައްމަޑޭ) ޖަހައިދިން ލަނޑުން ފުރަތަމަ ފަހަރަށް ލީޑު ހޯދިއެވެ. ރާއްޖޭގެ ތިންވަނަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ. މި މޮޅާއެކު ރާއްޖެއަށް ވަނީ ކުޅުނު ފަސް މެޗުން 15 ޕޮއިންޓް ލިބިފައެވެ.
މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ މޮޅުވެފައެވެ. މުބާރާތުގެ ބާކީ އެއް މެޗު އޮތް ނަމަވެސް، މިހާރު ލިބިފައިވާ ޕޮއިންޓާއެކު ރާއްޖެއަށް ވަނީ ތަށި ކަށަވަރުވެފައެވެ. މިއީ ބައިނަމްއަޤްވާމީ ފުޓްސަލް މައިދާނުގައި ރާއްޖެއިން ހޯދި ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

