ސަރުކާރުން ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްތައް ހަވާލުކުރުމުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށްގެންދަނީ ގައުމީ މަސައްކަތެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މިއަހަރުގެ ރޯދަ ހަދިޔާ ބެހުމަށްޓަކައި މިފްކޯއިން ދުރާލައި މަސްދަޅު ކޭސްތައް ތައްޔާރުކޮށް، އެމްޕީއެލްއާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިވަގުތު މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް މަސްދަޅު ކޭސްގެ ސްޓޮކް ހުންނާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެންމެ ލަސްވެގެން މި ހަފުތާ ނިމެންވާއިރަށް ހުރިހާ އަތޮޅެއްގައިވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފެށޭނެއެވެ. "އަޅުގަނޑުމެން ޓާގެޓް މިކުރަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފުތާގެ ކުރިން އެއްކޮށް މި މަސައްކަތް ނިންމާލުން. އަޅުގަނޑުމެން ވަރަށް އުފާކުރަން މިކަހަލަ ކަމެއް ކުރިއަށްދާއިރު ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުން ލިބެމުން އެބަދޭ،" ވަޒީރު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.