1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގުޅިފަޅުގެ ޔުޓިލިޓީ މަސައްކަތްތައް އަވަސް ކުރުމަށް އެމްޓީސީސީ އަދި އާރްޑީސީއާ ހަވާލު ކުރަނީ

20231011_193253
މަރްޔަމް ޝަފާ ސައީދު
148ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގުޅިފަޅުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޔުޓިލިޓީ ޚިދުމަތްތަކުގެ މަސައްކަތްތައް ލަސްވިޔަނުދީ އަވަސްކުރުމުގެ ގޮތުން، އެ މަސައްކަތުގެ ބައެއް ބައިތައް އެމްޓީސީސީ (MTCC) އަދި އާރްޑީސީ (RDC) އާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން 2024 ވަނަ އަހަރު އަލުން އެކުލަވާލި ގުޅިފަޅުގެ މާސްޓަރ ޕްލޭނާ އެއްގޮތަށް، އެ ރަށަށް ބޭނުންވާ ޔުޓިލިޓީ ޚިދުމަތްތަކާއި މަގު ހެދުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ކުރީކޮޅު ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ނަމަވެސް، އެ ކުންފުނިން މަސައްކަތް ފެށުމަށް ބޭނުންވާ ލޯނު ހޯދުމުގެ މަރުޙަލާ ދިގުލައިދާތީ، މަސައްކަތްތައް ހުއްޓިފައި ބޭއްވުމުގެ ބަދަލުގައި ސަރުކާރުން މިހާރު ވަނީ ބައެއް މަސައްކަތްތައް ރާއްޖޭގެ ކުންފުނިތަކާ ހަވާލުކުރަން ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، ޗައިނާ ކުންފުނީގެ ސްކޯޕުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް މަދުކޮށް، އެމްޓީސީސީއާއި އާރްޑީސީއާ ހަވާލުކޮށްގެން ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. "މަސައްކަތްތައް މަޑުޖެހިފަ އޮންނާކަށް ބޭނުމެއް ނޫން. ލޯނު ހޯދަން ފަސޭހައެއް ނޫން، އެހެންވީމަ ޗައިނާ ކުންފުންޏަށް މަސައްކަތް ފެށުމުގައި ލަސްތަކެއް ވަނީ،" ވަޒީރު ވިދާޅުވިއެވެ.

300 × 250

ޗައިނާ ކުންފުންޏާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން ގުޅިފަޅުގައި ފެނާއި، ނަރުދަމާ، ކަރަންޓު ވިއުގަ، މަގު ހެދުން، ޑީވޯޓަރިން، އަދި ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސިސްޓަމް ޤާއިމުކުރުން ހިމެނެއެވެ.

ގުޅިފަޅުން މިހާތަނަށް 230 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާފައިވާއިރު، 3,500 އަށްވުރެ ގިނަ މީހުންނަށް ވަނީ ބިން ދޫކޮށްފައެވެ.

ބިން ހިއްކުމުގެ އެހެނިހެން މަޝްރޫޢުތައް:
މާލެ ސަރަޙައްދުގައި ކުރިއަށްދާ އެހެން މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ 63 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށާއި، އެތަނުގައި ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. މީގެއިތުރުން، މި މަސްތެރޭގައި ގިރާވަރުފަޅުގެ 160 ހެކްޓަރު ހިއްކުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 1,009 ހެކްޓަރުގެ މި ބިޔަ މަޝްރޫޢު އޭޕްރިލް މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން މިއަހަރު ގޯތި ހަވާލުކުރަން ފަށާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ގޯއްޗާއި ފްލެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ އިންތިޚާބަކަށް އަވަސް އަރުވާލައިގެން ނޫން ކަމަށާއި، އެކަށީގެންވާ އުސޫލެއްގެ ދަށުން ޙައްޤުވެރި މީހުންނަށް އެތަންތަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި