ދެކުނުގެ ޗާގޯސް ޖަޒީރާގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ލިބިއްޖެނަމަ، އެ ސަރަހައްދުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ފަދަ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނިއުސްވީކް އަށް ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި އެމަނިކުފާނު ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވާފައެވެ. ޑިއޭގޯ ގާސިއާގައި ހުރި އަސްކަރީ މަރުކަޒުގެ މުހިންމުކަމުން، ޗާގޯސް ދޫކޮށްލުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ފާޑުވިދާޅުވެފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ޓްރަމްޕްގެ ކަންބޮޑުވުމަކީ އެ އަސްކަރީ މަރުކަޒު ރައްކާތެރިކަމާއެކު ހިންގޭނެކަން ކަށަވަރު ކުރުން ކަމަށެވެ. "ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބިއްޖެނަމަ، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ޑިއޭގޯ ގާސިއާގައި މިހާރު ހުރި އަސްކަރީ މަރުކަޒު ކުރިއަށް ގެންދެވޭނެ މަގެއް ދިވެހި ސަރުކާރުން ހޯދާނެ،" ރައީސް ވިދާޅުވިއެވެ. ޗާގޯސް އާކިޕެލާގޯއަކީ 1965 ވަނަ އަހަރު އިނގިރޭސިވިލާތުން މޮރިޝަސްއާ ވަކިކޮށް، އޭގެ ފަހުން 2036 ވަނަ އަހަރާ ހަމައަށް އެމެރިކާއަށް ކުއްޔަށް ދީފައިވާ ތަނެކެވެ. 2023 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން، ބޭސްގެ ކޮންޓްރޯލް އިނގިރޭސިވިލާތާއި އެމެރިކާއަށް އޮންނަ ގޮތަށް، މޮރިޝަސްއަށް އަހަރަކު 137 މިލިއަން ޑޮލަރު ކުލީގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. ބައިނަލްއަގުވާމީ ކޯޓުތަކުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް މީގެ ކުރިން ވަނީ ނިންމާފައެވެ. އެގޮތުން 2019 ވަނަ އަހަރު އައިސީޖޭއިން ނިންމި ނިންމުމާ ގުޅިގެން، އިޓްލޮސްއިން ކުރި ހުކުމުގައި ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް މޮރިޝަސްއަށް ވަނީ ލިބިފައެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަށް ނިންމައި، ޗާގޯސްގެ މައްޗަށް ރާއްޖޭގެ ހައްގުތައް ހޯދުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ޗާގޯސްގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ ތަޖުރިބާވެސް ރާއްޖޭގައި އެބަހުއްޓެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބިއްޖެނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒު ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދޭނެ: ރައީސް ޑރ މުއިއްޒު

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.