ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފަރޓިލިޓީ ސެންޓަރުގެ ތާރީޚީ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 24 ވަނަ ފަންގިފިލާގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޠިމް އިބްރާހީމާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން ނެޝަނަލް ފަރޓިލިޓީ ސެންޓަރުގެ އިސް ބޭފުޅުންނެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ނެޝަނަލް ފަރޓިލިޓީ ސެންޓަރުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކާއި، އެ ސެންޓަރަށް ލިބިފައިވާ ބޮޑެތި ކާމިޔާބީތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ. މި ސެންޓަރަކީ ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދިނުމަށް ގާއިމުކުރެވުނު މުހިންމު މަރުކަޒެކެވެ. ދަރިމައިވުމާ ގުޅޭ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައި.ވީ.އެފް (IVF) އަދި އައި.ޔޫ.އައި (IUI) ގެ ފަރުވާ އާސަންދައިގެ ދަށުން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދާ އެއްގޮތަށް، އާސަންދަ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ރާއްޖޭގެ އިތުރުން ރާއްޖޭއިން ބޭރުންވެސް މިހާރު މި ފަރުވާތައް ދަނީ ފޯރުކޮށްދެމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ނެޝަނަލް ފަރޓިލިޓީ ސެންޓަރު ރަސްމީކޮށް ހުޅުވާފައިވަނީ 2024 ނޮވެންބަރު މަހުއެވެ. މި ސެންޓަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ، އެ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައި.ވީ.އެފް މެދުވެރިކޮށް ކާމިޔާބުކަމާއެކު ކުއްޖަކު އުފަންވެފައިވުމެވެ. އެ ކުއްޖާ އުފަންވީ 2026 ޖަނަވަރީ 7 ވަނަ ދުވަހުއެވެ. މި ރަސްމިއްޔާތަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް، ވަކިން ޚާއްޞަކޮށް ދަރިމައިވުމުގެ ދަތިތައް ތަޙައްމަލުކުރަމުންދާ ޢާއިލާތަކަށް އުއްމީދީ މެސެޖެއް ދިން ރަސްމިއްޔާތެކެވެ.
ފަރޓިލިޓީ ސެންޓަރުގެ ކާމިޔާބީތައް ފާހަގަކުރުމުގެ ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.