ލެބޯރެޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، މިހާތަނަށް 11 ރަށެއްގައި ލެބޯރެޓަރީ ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން ހާމަކުރައްވައިފިއެވެ. ލެބޯރެޓަރީ ނެތް ރަށްރަށުގައި އެ ޚިދުމަތް ދޭން ފެށުމަށް ޚާއްސަ މަޝްރޫޢެއް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، މިއަހަރު ނިމޭއިރު ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެރަށެއްގައި ލެބޯރެޓަރީގެ ޚިދުމަތް ޤާއިމުވެގެންދާނެ ކަމަށެވެ. އެކަށީގެންވާ ލެބޯޓަރީ ޓެސްޓުތައް ހެދޭނެ އިންތިޒާމު ގިނަ ރަށްރަށުގައި ނެތުމަކީ ރައްޔިތުންގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ލެބޯޓްރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، އެރަށްތަކުގެ ރައްޔިތުންނަށް ޖެހެނީ ޓެސްޓު ހެދުމަށްޓަކައި ހޮސްޕިޓަލެއް ހުންނަ އެހެން ރަށަކަށް ނުވަތަ މާލެއަށް ދަތުރުކުރާށެވެ. މިއީ ރައްޔިތުންނަށް އުފުލަންޖެހޭ ބޮޑު ތަކުލީފަކަށް ވާއިރު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމްކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެކެވެ. ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއަހަރުގެ ނިޔަލަށް ލެބޯޓްރީ ނެތް 76 ރަށެއްގައި އެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރެއިން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 11 ރަށެއްގައި ލެބޯޓަރީ ޤާއިމްކޮށް މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ. ލެބޯޓްރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު، ސަރުކާރުގެ އަމާޒަކީ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ހުރި ރަށަކުން މި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މި ޚިދުމަތް ފުޅާވުމާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ ފުރުޞަތު ލިބި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ލެބޯރެޓަރީގެ ޚިދުމަތް ނެތް 11 ރަށެއްގައި އެ ޚިދުމަތް ޤާއިމު ކޮށްފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.