ޙައްޖާއި ޢުމްރާވެރިންނަށް ޚާއްސަކޮށްގެން ސައުދީ އަރަބިއްޔާގެ މައްކާގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޤާއިމުކޮށްފައިވާ މެޑިކަލް ކްލިނިކަށް ދެ އަހަރު ފުރިފައިވާއިރު، މި ކްލިނިކް މެދުވެރިކޮށް މައްކާގައި އުޅޭ ކޮންމެ ދިވެއްސަކަށްވެސް ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިއީ ޙައްޖާއި ޢުމްރާގެ މާތް އަޅުކަމަށްދާ ދިވެހިންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ. ޙައްޖާއި ޢުމްރާއަށްދާ ފަރާތްތަކަށް އާންމުކޮށް ދިމާވާ ހުމާއި ރޯގާ ފަދަ ކަންކަމުގައި އަވަސް ފިޔަވަޅު އެޅުމަކީ ބަލި ބޮޑުނުވެ އަވަހަށް ފަސޭހަވުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން، ބޭރު ޤައުމެއްގައި ޞިއްޙީ ފަރުވާ ހޯދުމަށް ހިނގާ ބޮޑު ޚަރަދަކީ ދިވެހިންނަށް އޮތް ބޮޑު ތަކުލީފަކަށް ވީނަމަވެސް، ޙައްޖު ކޯޕަރޭޝަނުން ޤާއިމުކޮށްފައިވާ މި ޖެނެރަލް ކްލިނިކާއެކު އެ ތަކުލީފަށް ވަނީ ލުޔެއް ލިބިފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް ޢަލީ ޝަރީފް ވިދާޅުވީ، މި ކްލިނިކަކީ ސައުދީގެ ހެލްތު މިނިސްޓްރީން ޤަބޫލުކުރާ ފެންވަރަށް ހިންގާ ތަނެއް ކަމަށެވެ. "މިކްލިނިކަކީ ސަޢުދީގެ ހެލްތު މިނިސްޓްރީ ޤަބޫލުކުރާ ސްޓޭންޑަޑްގެ ކްލިނިކެއް. މިކްލިނިކް ހިންގުމަށް ސަޢުދީގެ ނޭޝަނަލް ހޮސްޕިޓަލާއި ޙައްޖު ކޯޕަރޭޝަނާ ދެމެދުގައި އޮންނަނީ އެއްބަސްވުމެއް ޤާއިމުކޮށްފައި،" ޢަލީ ޝަރީފް ވިދާޅުވިއެވެ. މި ކްލިނިކްގައި ޚިދުމަތް ދިނުމަށް ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ފުރުސަތު ހުޅުވާލާފައިވަނީ ޙައްޖު ކޯޕަރޭޝަންގެ މެޑިކަލް ޕޫލްގެ ތެރެއިންނެވެ. މިކަމާ ގުޅޭގޮތުން ޑރ. ސާލިމާ ވިދާޅުވީ، މިއީ ވަރަށް މާތް އަޅުކަމަކަށް އަންނަ ފަރާތްތަކަށް ކޮށްދެވޭ މުހިއްމު ޚިދުމަތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ކްލިނިކުން ޚިދުމަތް ހޯދި ބައެއް ޢުމްރާވެރިން ފާހަގަކުރި ގޮތުގައި، ރާއްޖެއާ އަޅާބަލާއިރު ބޭހުގެ އަގުތައް ހެޔޮވެފައި ޚިދުމަތްތައް ވަރަށް ފުރިހަމައެވެ. ޙައްޖު ކޯޕަރޭޝަންގެ ދަށުންދާ މީހުންގެ އިތުރުން، ޙައްޖާއި ޢުމްރާ މޫސުމުގައި މައްކާގައި އުޅޭ ކޮންމެ ދިވެއްސަކަށްވެސް މި ކްލިނިކުން ފަރުވާ ލިބިގެންދިއުމަކީ ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މައްކާގައި ޤާއިމުކޮށްފައިވާ ދިވެހި ކްލިނިކަށް 2 އަހަރު: ކޮންމެ ދިވެއްސަކަށްވެސް ފަރުވާ ލިބޭނެ އިންތިޒާމު!

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.