ޤައުމީ ދާރުލްއާސާރަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް މިއަހަރުތެރޭ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވުޒާރާއިން މިއަހަރަށް ރާވާފައިވާ ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، މާލޭގައި ހުންނަ ޤައުމީ ދާރުލްއާސާރަކީ އެ ޒަމާނަށް ވަރަށް ރަނގަޅު ދާރުލްއާސާރެއް ނަމަވެސް، ދުނިޔޭގެ ދާރުލްއާސާރުތައް ތަރުތީބުކުރެވޭގޮތާއި ޒަމާނީ ޓެކްނޮލޮޖީއާއެކު އެތަން އިތުރަށް ތަރައްޤީކުރަން ޖެހިފައިވާ ކަމަށެވެ. މިގޮތުން ދާރުލްއާސާރު އިތުރަށް މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް ސަރުކާރުގެ ފަރާތުން ޗައިނާއާވެސް ވާހަކަދައްކަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. "އޭގެއިތުރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން މިއަހަރުތެރޭގަ ދާރުލްއާސާރު މި ދެންނެވި، މިހާރު މިހިރަ ދާރުލްއާސާރުގެ އެތެރެއަށް ބަދަލުތައް ގެނައުމުގެ މަސައްކަތްތަކެއް މިއަހަރުތެރޭގަ އަޅުގަނޑުމެން ކުރާނަން. އެކަން ޕްލޭންކުރެވިފަ ރޭވިފަ އެބައޮތް"، ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމްގެ މަސައްކަތްތައް ނިމިގެންދިއުމާއެކު، މިހާރު ހުރި ދާރުލްއާސާރުގެ އެތެރެއާއި ފަންނީ ދާރުލްއާސާރާއެކު ތަފާތު އިންޤިލާބީ ބަދަލެއް ފެނިގެންދާނެކަމަށެވެ. މިއީ ދާރުލްއާސާރުގެ ތެރެއިން ފެނިގެންދާނެ މުޅިން އާ ތަޖުރިބާއަކަށް ވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތްތަކަކީ އިޤުތިސާދު ސިންތަފާތު ކުރުމާއި، ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. މި ސިޔާސަތުގެ ތެރެއިން ތަރިކައިގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޤައުމީ ދާރުލްއާސާރަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް މިއަހަރުތެރޭ ކުރިއަށް ގެންދާނެ: ވަޒީރު

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.