ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ތަކެތި އަތުލައިގަތީ މި މަހުގެ ފަސްވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުންނެވެ. މި މައްސަލައާ ގުޅޭގޮތުން ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު އަތުލައިގަނެވިފައިވަނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. ރާއްޖެއަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ފަހުގެ މައުލޫމާތު ދެއްވަމުން، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ދާދިފަހުން ވިދާޅުވެފައިވަނީ، ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 7،000 ވޭޕް ސްޓިކާއި ދެ މިލިއަން ސިނގިރޭޓު އަތުލައިގަނެވިފައިވާ ކަމަށެވެ. ރާއްޖޭގައި ދުންފަތުގެ ގާނޫނު ހަރުކަށި ކުރުމާ ގުޅިގެން، ވަގަށް ސިނގިރޭޓް އެތެރެކުރުމުގެ މަސައްކަތް ކުރާ ފަރާތްތައް ހުއްޓުވުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން މިހާރުވެސް އެފަދަ ބޮޑެތި އެތައް މައްސަލަތަކެއް ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ. ސަރުކާރުގެ އިދާރާތަކުން ބުނެފައިވަނީ، މިފަދަ މައްސަލަތަކުގައި ވަކި މީހަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމަށާއި، ރާއްޖެއަށް ގަވާއިދާ ހިލާފަށް ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.