ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ" ގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ޤައުމީ ޚިދުމަތަށް ޒުވާނުން ބިނާކުރުމަށްޓަކައި ކުރިއަށް ގެންދާ މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަކީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ފަރާތްތަކަށް ވާންޖެހެއެވެ. ނަމަވެސް، އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކުގައެވެ. މީގެ އިތުރުން ބައިވެރިންނަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރި ފަރާތްތަކަށް ވާންޖެހޭނެއެވެ. ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 2026 މެއި މަހުގެ ފަހު ހަފުތާގައެވެ. ތަމްރީނުތައް ކުރިއަށްދާނީ ޅ. މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައެވެ. ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދެވޭނެއެވެ. މި ޕްރޮގްރާމަށް ހޮވޭ ފަރާތްތައް ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ" ފުރިހަމަކުރުމުން، އިތުރު ފަންނީ ތަމްރީނުތަކާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެވޭނެ ކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން މަޢުލޫމާތު ދެއެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ފޯމު ހުށަހަޅާނީ applyfor.mns@defence.gov.mv އަށް އީމެއިލް މެދުވެރިކޮށް ނުވަތަ މިނިސްޓްރީގެ ރިސެޕްޝަނަށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2026 އެޕްރީލް 5 ވަނަ ދުވަހުގެ 14:00 އެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3035850 ނަންބަރަށް ގުޅުމަށް ވަނީ އެދިފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ 3ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.