މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ސަރުކާރުން ތަރައްގީކުރާ ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްގައި މަހާއި ތަރުކާރީ ވިއްކުމަށް ޖުމްލަ 455 ކިއޮސްކް ހުންނާނެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ހާމަކޮށްފިއެވެ. "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް"ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޓްރަސްޓެން މޯލްڈިވް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލެވެ. އަދި ޓްރަސްޓެން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ހާދީއެވެ. ޖުމްލަ 126 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 600 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ މަސައްކަތެކެވެ. ހަ ފްލޯއަށް އިމާރާތްކުރާ މި ކޮމްޕްލެކްސް ބިނާކުރަނީ 95,032.32 އަކަ ފޫޓުގެ ބިމެއްގައެވެ. މި އިމާރާތުގެ ބޭސްމަންޓް ހާއްސަކޮށްފައިވަނީ ޕާކިންއަށެވެ. އެގޮތުން 400 އަށް ވުރެ ގިނަ ސައިކަލް ޕާކް ކުރެވޭނެ ޖާގަ އެތަނުގައި ގާއިމުކުރާނެއެވެ. އިމާރާތުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައިވަނީ މަސް މާރުކޭޓަށެވެ. އެތަނުގައި މަސް ވިއްކުމަށާއި މަސް ކެނޑުމަށް 110 ސްޓެއިންލެސް ސްޓީލް ކިއޮސްކް ހުންނާނެއެވެ. މީގެ އިތުރުން، ކިއޮސްކުތަކަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ފަސް ޓަނުގެ އައިސް ޕްލާންޓެއްވެސް އެތަނުގައި ހުންނާނެއެވެ. މޭވާ އާއި ތަރުކާރީ ވިއްކުމަށް ހާއްސަކޮށްފައިވަނީ އިމާރާތުގެ ފުރަތަމަ ފްލޯއިން ފެށިގެން ތިންވަނަ ފްލޯއާ ހަމައަށެވެ. ކޮންމެ ފްލޯއެއްގައި 115 ކިއޮސްކް ހިމެނޭހެން، ތަރުކާރީ އާއި މޭވާ ވިއްކުމަށް ޖުމްލަ 345 ކިއޮސްކް ހުންނާނެއެވެ. އިމާރާތުގެ އެންމެ މަތީ ފްލޯ ނުވަތަ ޓެރަސް ހާއްސަކޮށްފައިވަނީ ފުޑް ކޯޓަށެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި އިމާރާތް އެއްކޮށް ނިމޭއިރު، ހިފައި ގެންގުޅޭ ސާމާނާއެކު މުޅި ތަން އޮޕަރޭޝަނަށް ގެނެވޭނެއެވެ. މި މަޝްރޫއުގެ ސަބަބުން މާލޭގެ މާރުކޭޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ޒަމާނީ ފެންވަރެއްގައި ހިދުމަތް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްގައި, މަހާއި ތަރުކާރީ ވިއްކަން 455 ކިއޮސްކް ހުންނާނެ

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.