އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް އިޙްސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ދީނީ ގޮތުން ހާމަވާކަމަށާއި، އެކަމަށް އޮތް ދަރުމައާއި އަޖުރު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. "މުސްލިމަކަށް ވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށްމެ އަޅައިލުން." ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކޮންމެ މީހަކަށް ހެޔޮކޮށް ހިތުމަކީ މުޖުތަމައުގެ ހުރިހާ އަފްރާދުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. މިއަހަރުގެ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަކަށް އދ. އިން ކަނޑައަޅާފައިވަނީ "އެކަނިވެރިކަމާ ދެކޮޅަށް އެކުގައި" މިއެވެ. މި ޝިޢާރުން ލިބިދޭ މެސެޖަކީވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުންކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުން މިދިޔަ މުއްދަތުގެ ތެރޭގައި މި އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އެންމެން ޝާމިލްވާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 21 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ޑައުން ސިންޑްރޯމް ދުވަހެވެ.