ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ގާއިމުކުރި ޑައިލިސިސް ސެންޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މިކަމަށްޓަކައި ކުޅުދުއްފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުއްﷲ ނާޒިމް އިބްރާހިމްއާއި، ޞިއްޙީ ވުޒާރާގެ އިސްވެރިންގެ އިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ އެ ސެންޓަރު ބައްލަވާލައްވައި، އެތަނުން ދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، 2013 ވަނަ އަހަރު 4 އެނދާއެކު ފެށި ޑައިލިސިސް ޔުނިޓު މިހާރު ވަނީ 9 އެނދުގެ ޒަމާނީ ސެންޓަރަކަށް ބަދަލުކޮށްފައެވެ. މި އައު ސެންޓަރުގައި ޚާއްސަ އައިސޮލޭޝަން އެނދަކާއި، އައިސީޔޫގައި ތިބޭ ބަލިމީހުންނަށް ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި، މި ޚިދުމަތާއެކު ޑައިލިސިސް ހަދާ ބަލިމީހުންނަށް ކިއުގައި މަޑުކުރަން ނުޖެހި، ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެމީހަކަށް ޚާއްސަވާ ފަރުވާ ލިބިގެންދާނެއެވެ. މީގެ އިތުރުން، ރާއްޖޭގައި ޕެރިޓޯނިއަލް ޑައިލިސިސް ނުވަތަ ޑިވައިސެއްގެ އެހީގައި އަމިއްލައަށް ހެދޭ ޑައިލިސިސްގެ ޚިދުމަތްވެސް މިހާރު ވަނީ ދޭން ފަށާފައެވެ. ޑައިލިސިސް ހެދުމަކީ ބަލިމީހުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަކަށްވާއިރު، ގިނަ ބަޔަކު ހަފްތާއަކު ދެތިން ދުވަހު މި ފަރުވާ ހޯދަންޖެހެއެވެ. ނަމަވެސް، ކުޅުދުއްފުށީގައި މި ގާއިމުކުރެވުނު ޒަމާނީ ވަސީލަތްތަކާއެކު ބަލިމީހުންނަށް އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެގެންދާނެއެވެ. ސަރުކާރުން ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 10 ރަށެއްގައި އަލަށް ޑައިލިސިސްގެ ޚިދުމަތް ވަނީ ތައާރަފުކޮށްފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.