ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި މުޅިން ޚަލާސްކޮށްފިއެވެ. މި ފައިސާ ދެއްކުމުގައި ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ. ސަރުކާރުން ހާމަކުރި ގޮތުގައި، ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިޔަން ޑޮލަރާއި، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން ޑޮލަރާއެކު ޖުމްލަ 524.68 މިލިޔަން އެމެރިކާ ޑޮލަރު މިހާރު ވަނީ ދައްކައި ނިންމާފައެވެ. މި ފައިސާ ދެއްކުމާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ވިއްކި ސުކޫކެކެވެ. ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިގުތިސާދަށް ބުރަ ނުވާނެ ގޮތަށް ދަރަނި އަދާކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އޭގެ ތެރޭގައި އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓަށް ގެނައި ބަދަލުތައް ހިމެނެއެވެ. ސަރުކާރުގެ މި ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިޔަން ޑޮލަރަށްވުރެ އިތުރުވެފައިވާއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަސް ނިމުނުއިރު 1.3 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ރަސްމީ ރިޒާވް މިހާ މަތީ މިންވަރަކަށް އިތުރުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ސުކޫކު އަދާކުރުމަށްފަހު، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން، މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިޔަން ޑޮލަރުގެ ބޮންޑު ރޯލްއޯވަރކުރުމަށް އަބޫދާބީ ފަންޑާއެކު ކުރެވުނު މަސައްކަތްތައް ކާމިޔާބުކަމާއެކު ނިމިފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ. ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ އިގުތިސާދީ ބަދަލުތަކާ އެއްގޮތަށް ރާއްޖޭގެ މާލީ ސިޔާސަތުތައް ބައްޓަންކޮށް، ފިސްކަލް ހަމަޖެހުން ދެމެހެއްޓުމެވެ. އަދި މެދުރާސްތާގައި ޖީޑީޕީގެ ނިސްބަތުން ދަރަނި ހުންނަ މިންވަރު ދަށްކުރުމަށް ސަރުކާރުން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.
އިދިކޮޅުން ނުދެއްކޭނެ ކަމަށް ބުނެފައިވާ، 2021ގައި ދޫކުރި 500 މިލިޔަން ޑޮލަރުގެ ސުކޫކު ސަރުކާރުން ދައްކައި ޚަލާސްކޮށްފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.