މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިހްތިރާމާއެކު ބަލައިގަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންތިޚާބުގެ ނަތީޖާތަކާ ގުޅޭގޮތުން މިރޭ މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް މަރުޙަބާ އާއި ތަހުނިޔާ ވިދާޅުވެފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްﷲ ގެ ވާގިފުޅާއެކު ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ދެއްވާފައެވެ. މިއަދު ކުރިއަށްދިޔަ އިންތިޚާބުތަކަކީ އެކި ދާއިރާތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށާއި، މުހިންމު ކަންކަމުގައި ރައްޔިތުންގެ ލަފާ ހޯދުމަށް ބޭއްވުނު ވޯޓުލުމެކެވެ. ކައުންސިލްތަކާއި އތމ ކޮމެޓީތަކުގެ ގިނަ ގޮނޑިތަކާއި ރައީސްކަން ޕީއެންސީއަށް ލިބުނު އިރު ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީ އިންނެވެ. އަދި ދެ އިންތިހާބު އެއްކޮށް ބޭއްވުމާމެދު ހިޔާލު ހޯދުމަށް ބޭއްވި ވޯޓަށް ރައްޔިތުންގެ ގިނަ ބަޔަކު ވަނީ ނޫނެކޭ ބުނެފައެވެ.