މާލޭގެ ހެންވޭރު ކަޅުހުރާ މަގުގައި ހުންނަ ގެއެއްގެ ދޮރުމަތީގައި އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައި އޮތް ބިދޭސީއަކު ފެނިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު އިރުއޮއްސި 6:18 އެހާކަންހާއިރު ކަމަށެވެ. މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި، އެ މީހާ ފެނިފައިވަނީ ކަޅުހުރާ މަގުގައި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ "ސާޖް" ނަމަކަށް ކިޔާ ގެއެއްގެ ކުރިމަތިންނެވެ. އެ މީހާ އޮތީ އެ ގެއިން ބޭރަށް ނެރެ ޕޭމަންޓް މަތީގައި ބާއްވާފައެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި އެ މީހާ ފެނުނުއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށާއި، ބެލެވެނީ އެއީ މަރުވެފައި އޮތް މީހެއް ކަމަށެވެ. "އެތަނުން އޭނަ ނެރެފަ ޕޭމަންޓާ ދިމާލުގައި ބާއްވާފައި އޮތީ. އެމީހާގެ އެއްވެސް ހަރަކާތެއް ނެތް. ވިންދެއް ނެތް. ބެލެވެނީ މަރާލާފައި ނުވަތަ މަރުވެފައިހެން،" މަންޒަރު ދުށް މީހަކު ކިޔައިދިނެވެ. މި ހާދިސާއާ ގުޅިގެން އެ މީހާ މަގުމައްޗަށް ބާއްވާފައި ފިލަން މަސައްކަތް ކުރި ދެ މީހަކު އެ ސަރަހައްދުގައި ތިބި އާންމުން ވަނީ ހިފަހައްޓާފައެވެ. އެ ދެ މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނީ ހަބަރު ހުސްވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއް ކަމަށާއި، އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުންނާއި ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު މަގުމަތިން ފެނިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެނީ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.