އިސްރާއީލުގެ އޮފިޝަލުންތަކެއް އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަތް ވަދެގަތުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަނީ ރަސްމީ ބަޔާނެއް ނެރެ، ރާއްޖޭގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި އެ މިސްކިތުގެ މުޤައްދަސްކަމާއި ޤާނޫނީ ހައިސިއްޔަތު ނަގާލުމަށް ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްޤުތަކަށް އަރައިގަތުމުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ކުރިމަތި ކުރި ވަރަށް ބޮޑު އިހާނެތްތެރި ކަމެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އަލްއަޤްޞާ މިސްކިތަށް ވަނުން ހަނިކުރުމާއި، ތަކުރާރުކޮށް ހިންގާ މިފަދަ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. ދިވެހި ސަރުކާރުން ވަނީ އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ 'ސްޓޭޓަސް ކޯ' ނުވަތަ އޮތް ހާލަތު ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

މީގެއިތުރުން، އިސްރާއީލުން ހިންގާ އިންސާނީ ހައްޤުތަކާ ޚިލާފު އަމަލުތަކަށް އެ ގައުމު ޒިންމާދާރު ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ. ސަރުކާރުން ބަޔާންކޮށްފައިވަނީ ފަލަސްތީނުގެ މައްސަލައިގައި އިންސާފު ގާއިމުކުރުމަކީ ބައިނަލްއަޤްވާމީ ޒިންމާއެއް ކަމަށެވެ.

މި ބަޔާން ނިންމާލަމުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ އަލުން އާކޮށްފައެވެ.