ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ރާއްޖެއަށް ގެންނަން ހުރި ގިނަ އަދަދެއްގެ ކޮންޓެއިނަރުތަކެއް ތާށިވެފައިވާތީ، އޭގެ ތެރެއިން 80 ކޮންޓެއިނަރެއް އަވަހަށް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ހާމަކުރެއްވި ގޮތުގައި މިހާތަނަށް ޖުމްލަ 4,200 ކޮންޓެއިނަރު ކޮލަމްބޯގައި ވަނީ ތާށިވެފައެވެ. މާކެޓުގައި މުދާ ހުސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި ސަރުކާރުން މިހާރު ވަނީ ޚާއްސަ އިސްކަމެއް ދީގެން އަސާސީ ބައެއް ބާވަތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ބާޒާރުގައި ޑިމާންޑް ބޮޑުވެފައިވާ ސަން ފްލާވާ ތެލާއި ކިރު ރާއްޖެ ގެނައުމަށް މިހާރު ވަނީ އިސްކަންދީފައެވެ. މި ތަކެތި އަވަހަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ލަންކާގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއި، ޚާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މީގެ ސަބަބުން މުދާ އުފުލާ އުޅަނދުފަހަރުގެ ދަތުރުތަކަށް ބުރޫއަރައި، ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، މިފަދަ ބައިނަލްއަޤްވާމީ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ޒަރޫރީ މުދާ މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށްޓަކައި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މުދާ ގެނައުމުގެ އިންތިޒާމުތައް ހަރުދަނާ ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ކޮލަމްބޯގައި ތާށިވެފައިވާ ކޮންޓެއިނަރުތަކުގެ ތެރެއިން 80 ކޮންޓެއިނަރެއް އަވަހަށް ގެނައުމުގެ މަސައްކަތް ފަށައިފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.