މާލެއާއި ހުޅުމާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންބުނީ، މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި، 28 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއްގެ އިތުރުން 51 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ  މާލެއާއި ހުޅުމާލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް  އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން 27 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ  މާލެއިން ޓެކްސީއެއް ހުއްޓުވައި އެޓެކްސީ ބަލައިފާސްކުރިއިރު ބަނގުރާފުޅިއެއް ފެނުމާ ގުޅިގެންނެެވެ. އަދި 28 އަހަރުގެ މީހާ އާއި 51 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ސައިކަލެއް ހުއްޓުވައި ބަލައިފާސްކުރިއިރު 22 ފުޅި ބަނގުރާ ފެނުމާ ގުޅިގެންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 27 އަހަރުގެ މީހާއަށް 5 ދުވަސް މުއްދަތެއް ދީފަައެވެ. އަދި 28 އަހަރުގެ މީހާއާއި 51 އަހަރުގެ މީހާއަށް 3 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.