އިންޑިއާގެ ފިލްމީ މިއުޒިކްގެ ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ފަހުގެ އެއް ލެޖެންޑް، ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މިއަދު މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި މަރުވެއްޖެއެވެ. އުމުރުން 92 އަހަރުގެ އާޝާ މަރުވީ ހިތުގެ މައްސަލަތަކަކާއި ނޭވާލާ ނިޒާމުގެ ބަލިތަކަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ގުނަވަންތައް މަސައްކަތް ކުރުން ހުއްޓުމުގެ ސަބަބުންނެވެ.

ހަތްދިހަ އަހަރަށްވުރެ ދިގު މުއްދަތެއްގެ މިއުޒިކީ ކެރިއަރެއް ބިނާކުރެއްވި އާޝާ ބޯސްލޭގެ މޫނުދެކުމާއި ޖަނާޒާގެ ކަންކަން މާދަމާ ހަވީރު 4:00 ގައި ޝިވާޖީ ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާ ސަރުކާރުން ވަނީ އޭނާގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވުމަށް ނިންމާފައެވެ.

1933 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ސަންގްލީއަށް އުފަންވި އާޝާ އަކީ ޕަންޑިތު ދީނަނާތު މަންގޭޝްކަރުގެ ތިންވަނަ ދަރިފުޅެވެ. އޭނާ އެންމެ ފުރަތަމަ ލަވައެއް ކިޔާފައިވަނީ އުމުރުން އެންމެ 10 އަހަރުގައި، 1943 ވަނަ އަހަރު ނުކުތް މަރާޓީ ފިލްމު 'މަޖާ ބާލް' އަށެވެ. އޭނާގެ އެންމެ ފުރަތަމަ ސޯލޯ ހިންދީ ލަވަ ރެކޯޑްކޮށްފައިވަނީ 1949 ވަނަ އަހަރުގެ ފިލްމު 'ރާތު ކީ ރާނީ' އަށެވެ.

އާޝާގެ މިއުޒިކީ ހަޔާތުގައި ކޮމްޕޯޒަރު އޯ.ޕީ ނައްޔަރުއާއެކު ކުރި މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. އޭގެ ފަހުން މިއުޒިކް ޑައިރެކްޓަރު އާރް.ޑީ ބާމަންއާއެކު ކުރި މަސައްކަތްތަކުން ގިނަ ކާމިޔާބީތަކެއް ހޯދިއެވެ. އާޝާ ފަހުން ވަނީ އާރް.ޑީ ބާމަންއާ ކައިވެނިކޮށްފައެވެ. މި ދެމަފިރިންގެ މަޝްހޫރު މަސައްކަތްތަކުގެ ތެރޭގައި 'ތީސްރީ މަންޒިލް'، 'ޚުޝްބޫ' އަދި 'އިޖާޒަތު' ފަދަ ފިލްމުތައް ހިމެނެއެވެ.

އާޝާ ބޯސްލޭ މަރުވުމަކީ އިންޑިއާގެ މިއުޒިކީ ސިނާއަތަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ގެއްލުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އޭނާ ވަނީ އޭނާގެ ކެރިއަރުގައި އެތައް ހާސް ލަވައެއް ރެކޯޑްކޮށް، ގިނަ އަދަދެއްގެ އެވޯޑްތައް ހާސިލްކޮށްފައެވެ.