ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް ބަލާލެވޭގޮތް ހެދުމަށް ޚާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް ތަޢާރަފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ލޭގެ ޚިދުމަތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގައެވެ. ޞިއްޙީ ވަޒީރު ވިދާޅުވީ، ލޭގެ ބަލިތަކަށް ޚާއްސަކުރެވިގެން، ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ލޭގެ ޤައުމީ ޚިދުމަތުގެ ނިޒާމު ޤާއިމުކޮށް، މިހާތަނަށް ރާއްޖޭގެ 4 ސަރަހައްދެއްގައި ބްލަޑް ބޭންކު ގާއިމުކޮށްފައިވާ ކަމަށާއި، 108 ރަށެއްގައި ޓްރާންސްފިއުޝަަން ސެންޓަރުތައް ގާއިމުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ލޭގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަންނީ އެހީތެރިކަމާއެކު "ނޭޝަނަލް ބްލަޑް ސްޓޭންޑަޑް" މިހާރު ވަނީ އެކުލަވާލައި ނިންމާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ޑީއެޗްއައިއެސް 2 ސޮފްޓްވެއާގެ މޮޑިއުލެއް ޚާއްސަ ގޮތްތަކަކަށް ފަރުމާކުރެވި، ލޭ ދޭ ފަރާތްތައް ގިންތި ކުރެވި ތަފާސްހިސާބުތައް ވަގުތުން ބަލާލެވޭނެ ނިޒާމެއް މިހާރު ވަނީ ގާއިމުކުރެވިފައެވެ. އަލަށް ތަޢާރަފުކުރާ އޮންލައިން ނިޒާމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "ޑޯނަރ ރަޖިސްޓްރީއާއި ޑޯނަރ ރެކްރޫޓްމަންޓް ވެބްސައިޓާއެކު ޚާއްސަ އެޕްލިކޭޝަނެއް މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފަށަން ނިންމާފައިވާ" ކަމަށެވެ. މިއީ ލޭ ހަދިޔާކުރާ ފަރާތްތަކުގެ މަޢުލޫމާތު ޒަމާނީކޮށް ބެލެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ޚިދުމަތްތައް ޒަމާނީ ކުރުމުގެ ސަބަބުން ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ތެރެއިން ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ޤައުމީ ޑޭޓާބޭސްއެއް ވުޖޫދުވެގެންދާނެއެވެ. މީގެ ސަބަބުން ލޭގެ ގްރޫޕްތައް ލިބެން ހުރި ސަރަހައްދުތައް މެޕް ކުރެވި، ލޭ ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ވަށާޖެހިފައިވާ ހައްލެއް ލިބިގެންދާނެ ކަމަށް ޞިއްޙީ ވުޒާރާއިން އުންމީދު ކުރެއެވެ.
ލޭ ހަދިޔާކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް ބަލާލެވޭނެ އެޕްލިކޭޝަނެއް ތަޢާރަފުކުރަނީ

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.