ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސްޓެލްކޯއިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ދެވަނަ ފިޔަވަހީގެ ގިނަ ޓަވަރުތަކުން ރޭގެ ވަގުތެއްގައި ގިނަ އިރުތަކަކަށް ކަރަންޓު ކެނޑުމާ ގުޅިގެން ކުރިއަށްދިޔަ ބައްދަލުވުމެކެވެ. ސްޓެލްކޯއިން ވިދާޅުވީ، މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ކަރަންޓުގެ ނެޓްވޯކަށް މައްސަލައެއް ދިމާވާ ހާލަތްތަކުގައި ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ވީހާވެސް ކުޑަކުރުމެވެ. މިގޮތުން ދެވަނަ ފިޔަވަހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 'ސްކާޑާ' (SCADA) ސިސްޓަމްގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ދެ ކުންފުނީގެ އިސްވެރިން ވަނީ ވާހަކަދައްކަވާފައެވެ. މީގެ އިތުރުން، މިދިޔަ އާދިއްތަ ދުވަހުގެ ރޭ މައްސަލަ ދިމާވި މައި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމާއި، ދެވަނަ ފިޔަވަހީގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު އަޅާފައިވާ އިތުރު ކޭބަލްތައް 'އެނަޖައިޒް' ކޮށް، ވީހާވެސް އަވަހަކަށް ބޭނުންކުރަން ފެށޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ. ސްޓެލްކޯއިން ހާމަކުރެއްވި ގޮތުގައި، މިހާރު އަޅާފައިވާ އިތުރު ކޭބަލްތައް އެނަޖައިޒް ކުރެވިއްޖެ ނަމަ، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި ޚިދުމަތް އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. "އެ ކޭބަލްތަށް އެނަޖައިޒް ކުރެވިއްޖެ ނަމަ، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހާލަތެއްގައި ކަރަންޓު އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަ ކުރެވި އެކަމުގެ ފަސޭހަތައް ލިބިގެންދާނެ،" ސްޓެލްކޯއިން ވިދާޅުވިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށި ފަހުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ދިމާވަމުންދާތީ، އާންމުންގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. މި މަޝްވަރާތަކާއެކު މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ދެ ކުންފުނިންވެސް އުންމީދު ކުރެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސްޓެލްކޯއިން އެޗްޑީސީއާ މަޝްވަރާކޮށްފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.