ރާއްޖެއަށް ހަނީމޫނަށް އައިސް އުޅުނު ސްޕެއިންގެ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ، ލިބުނު ބޮޑެތި ޒަޚަމްތަކާ ގުޅިގެން އޭނާގެ އެއް ފައި ބުރިކޮށްލައިފިއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންގެ އަލިކަންޓީ ސިޓީއަށް ނިސްބަތްވާ، އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ "ބޯޖާ" ނަމަކަށް ކިޔާ މީހަކަށެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޯޖާ ރާއްޖެ އައީ އޭނާގެ އަނބިމީހާ "އަނާ" އާއެކު ކައިވެނިކުރުމަށްފަހު ހަނީމޫން ހޭދަކުރުމަށެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅެނިކޮށެވެ. މިޔަރު ދިން މި ހަމަލާގައި އޭނާގެ ކަކުލުން ފެށިގެން ތިރިއަށް މަސްގަނޑު އެއްކޮށް ވީދާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ހާދިސާއާ ގުޅިގެން އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ނަމަވެސް ހާލަތު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ގެނެސް، މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން އޭނާގެ އެއް ފައި މިހާރު ވަނީ ބުރިކޮށްލާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ގިނަ އަދަދަކަށް މިޔަރު އުޅޭ ކޫއްޑޫ މަސް ފެކްޓްރީ ކައިރި ސަރަހައްދަކަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެ ސަރަހައްދަށް މަހުގެ ބާވަތްތައް ނާޅާތާ ހަފްތާއެއްހާ ދުވަސް ވެފައިވުމުން، މިޔަރު ހަމަލާދިނީ ބަނޑުހައިވެފައި އޮތުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.