މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ފެބުރުވަރީ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފިއެވެ. މި ބަދަލު ގެންނަވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، 2026 އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ކޮމެޓީގެ އައު އެކުލަވައިލުން
މި ބަދަލާއެކު ކޮމެޓީގެ ޗެއަރގެ މަޤާމަށް މިހާރު ހަމަޖައްސަވާފައިވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރެވެ. ކޮމެޓީގައި މިހާރު ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
- މޫސާ ޒަމީރު - މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު (ޗެއަރ)
- އިރުތިޝާމް އާދަމް - ޚާރިޖީ ވަޒީރު
- މުޙައްމަދު ސަޢީދު - އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު
- އަޙްމަދު ޝިޔާމް - މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު
- މުޙައްމަދު އަމީން - ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު
ކޮމެޓީގެ މެންބަރުންގެ އަދަދަށް އައި ބަދަލު
ކުރިން މި ކޮމެޓީގައި 9 ވަޒީރުން ތިއްބެވި ނަމަވެސް، މި ގެނައި ބަދަލާއެކު ކޮމެޓީގައި ތިއްބަވާ ވަޒީރުންގެ އަދަދު ވަނީ 5 އަށް މަދުކުރައްވާފައެވެ. މިއީ ސަރުކާރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ގެނައި ބަދަލެއްގެ ގޮތުގައި ބެލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މި ކޮމެޓީން ދަނީ ކޮންމެ ހަފްތާއަކު މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ހާމަކުރައްވަމުންނެވެ. މި ކޮމެޓީގެ މައިގަނޑު މަޤްޞަދަކީ މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތައް މޮނިޓަރކޮށް، ރާއްޖެއިން އެކަމުގައި ގެންގުޅޭނެ ސިޔާސަތުތައް ކަނޑައެޅުމެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.