ދިވެހި ސްކައުޓް ހަރަކާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ސްކައުޓް ލީޑަރު، މ. ހެޕީޑޯން، އަޙްމަދު ސަޢީދު (ސަޢީދު ސަރ) މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ނިޔާވިއިރު އުމުރަކީ 53 އަހަރެވެ. ސަޢީދަކީ ރާއްޖޭގެ ސްކައުޓް ހަރަކާތް ކުރިއެރުވުމުގައި، ޚާއްޞަކޮށް ގަލޮޅު މަދަރުސާގައި ސްކައުޓް ހަރަކާތްތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅެކެވެ. އޭނާ ނިޔާވިއިރު ވެސް ހުންނެވީ ގަލޮޅު ސްކޫލުގެ އެސިސްޓެންޓް ސްކައުޓް ލީޑަރުގެ މަގާމުގައެވެ. ސްކައުޓް ހަރަކާތުގެ އިތުރުން، ސަޢީދު ވަނީ ގަލޮޅު ސްކޫލުގެ އޮފީސް އެސިސްޓެންޓް ކަމާއި ސްޕޯޓްސް ސްޕަވައިޒަރުގެ މަގާމު ވެސް ފުރުއްވާފައެވެ. އޭނާ އެ ސްކޫލަށް ޚިދުމަތް ކުރައްވާތާ 29 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާކަން ފާހަގަކުރެވެއެވެ. ދިވެހި ސްކައުޓް ޖަމިއްޔާގެ ފެންވަރުގައި ވެސް ސަޢީދު ވަނީ ނެޝަނަލް ކޮމިޝަނަރެއްގެ ގޮތުގައާއި، ސްކައުޓް ލީޑަރުން ތަމްރީނުކުރުމުގެ ދާއިރާއިން ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. މިއީ ދިވެހި ސްކައުޓް އާއިލާއަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެކެވެ. މަރުޙޫމްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހު މއ. އާސަހަރާ މިސްކިތުގައެވެ.