ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގާނީ އެކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ މިންވަރަށް ބަލައިގެން ކަމަށް މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ޤީލާ ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނުވަތަ މީހަކު ގެނައުމަކީ ވަކި ހާލަތްތަކެއްގައި، ފަންނީ އެސެސްމަންޓްތަކެއް ހެދުމަށްފަހު ނޫނީ ނިންމާ ނިންމުމެއް ނޫނެވެ. އަދި އެފަރާތަކީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ފަދަ ނާޒުކު ހާލަތެއްގައި ހުރި ފަރާތެއްނަމަ، އެ ނިންމުން ނިންމަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، މީހަކަށް ނުވަތަ ކުއްޖަކަށް އަނިޔާއެއް ނުވަތަ ނުރައްކަލެއް (ރިސްކެއް) އޮތްކަން ފާހަގަކުރެވިއްޖެނަމަ، އެކަމަށް ބަލައި ޓެކްނިކަލް އެސެސްމަންޓްތަކުން އެއީ އެންމެ ފައިދާހުރި ގޮތް ކަމަށް ނިންމައިފިނަމަ، އެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. "ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަކީ އެ ކުއްޖާއަށް ނުވަތަ އެ މީހަކަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ފަންނީ އެސެސްމަންޓްތަކުން ނިންމައިފިނަމަ ނެގިގެންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް ތަފާތު އުމުރުފުރާތަކުގެ ކުދިން ތިބިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ވަރަށް ތުއްތު ކުދިންނާއި، ބޮޑެތި އުމުރުފުރާގެ ކުދިންވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނާ ގުޅޭ މައްސަލަތައް ރާއްޖޭގައި މަދެއް ނޫނެވެ. އެގޮތުން މިދިޔަ މާރިޗު މަހު އެކަނިވެސް ކުޑަކުދިންނާ ގުޅޭ 90 އަށްވުރެ ގިނަ މައްސަލަ ދައުލަތަށް ހުށަހަޅާފައިވާކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގާނީ ހިދުމަތް ދެވޭ މިންވަރަށް ބަލައިގެން: މިނިސްޓަރ ޤީލާ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.