ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކުރައްވައިފިއެވެ. މި މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ނާޖިހު މިދިޔަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. މުޙައްމަދު ޢަފީފަކީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ޝަރީޢާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. މީގެ އިތުރުން ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަރސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓަރޝިޕް ފުރިހަމަކުރައްވައި، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައެވެ. ފެނަކައިގެ އެމްޑީގެ މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން ޢަފީފް ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (MTCC) ގެ ޗެއާމަންގެ މަޤާމުގައެވެ. މީގެ ކުރިން އޭނާ ވަނީ ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރައްވާފައެވެ. އަދި ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުތައް ފުރުއްވައި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ. ޢަފީފް މަސައްކަތުގެ ދާއިރާއަށް އެންމެ ފުރަތަމަ ވެދެވަޑައިގަތީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ތެރެއިންނެވެ. އޭގެ ފަހުން ކަރަންޓުގެ ޚިދުމަތާއި އާންމު މަސައްކަތްތަކުގެ ދާއިރާއިން ކުރިއަށް ވަޑައިގެން، ރާއްޖޭގެ މުހިންމު އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ބެލެހެއްޓުމުގައި އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭނާއަކީ ރިސްކް މެނޭޖްމަންޓާއި އިދާރީ ހިންގުމުގެ ދާއިރާއިން ފަންނީ ސަނަދުތައް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކަށް ކަރަންޓާއި ފެނުގެ ޚިދުމަތް ދޭ ކުންފުންޏެވެ. ނަމަވެސް، އެ ކުންފުންޏަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ އެއް ކުންފުންޏެވެ. ޚާއްޞަކޮށް، ފާއިތުވި އިންތިޚާބާ ދިމާކޮށް އެ ކުންފުނިން ގިނަ އަދަދެއްގެ ވަޒީފާތައް އުފައްދާފައިވާކަން ފާހަގަކުރެވެއެވެ. މުޙައްމަދު ޢަފީފް ވެގެންދާނީ ފެނަކަ ކޯޕަރޭޝަންގެ ހިންގުމާ ޙަވާލުވެވަޑައިގަންނަވާ ތިންވަނަ މެނޭޖިންގ ޑިރެކްޓަރަށެވެ. އޭނާގެ ތަޖުރިބާއާއެކު ކުންފުނީގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
ފެނަކަގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ޢަފީފް އައްޔަންކުރައްވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.