ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ސްކޫލް ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށް، ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީ އާއި ލުއިލޯނު ދިނުން އިތުރުކޮށްފައިވާކަމަށާއި، ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދައިދިނުމަށް ބޮޑެތި އީ-ކޮމަރސް މަންސަތަކާއެކު ފެއްޓެވި މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި، އެކަން ތަންފީޒުކުރަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާއަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި ސަރުކާރަކީ މަސައްކަތްތެރީންގެ ކަންބޮޑުވުންތައް އެންމެ ގާތުން އަޑުއަހައި، ގިނަ ދުވަސްތަކެއް ވަންދެން ޙައްލު ނުލިބި ހުރި މައްސަލަތަކަށް ޙައްލު ހޯދައިދެމުންދާ ސަރުކާރެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކާބަފައިންގެ މަސައްކަތްތެރިކަމުގެ ނަމޫނާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އުފެއްދުންތެރި އަދި ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް މުހިންމު ކަމެއް ކަމަށެވެ. އެމަނިކުފާނުގެ ޚިޠާބު ނިންމަވާލެއްވީ، މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަން ހުރި ކޮންމެ ދިވެހި ރައްޔިތަކު ޢަމަލީ މައިދާނަށް ނިކުތުމަށާއި، ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވަމުންނެވެ.