އަވަށްޓެރި ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ރާއްޖެ އާއި ލަންކާއާ ދެމެދު މުހިންމު ހަތް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ދެ ގައުމު ގުޅިގެން ނެރުނު ބަޔާނުގައެވެ. ލަންކާގެ ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކައާ އެކު ކުރެއްވި މަޝްވަރާތަކަކީ ވަރަށް ފައިދާހުރި މަޝްވަރާތަކެއް ކަމަށެވެ. މި މަޝްވަރާތަކުގައި އިގްތިސާދީ ދާއިރާއިން ގުޅުން އިތުރުކުރުމަށާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، ބީއެމްއެލްގެ ހިދުމަތް ލަންކާގައި ފެށުމުގެ އިތުރުން، ލަންކާގެ މާކެޓަށް ރާއްޖޭގެ މަތީ ފެންވަރުގެ މަހުގެ ބާވަތްތައް ތައާރަފް ކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ދެ ގައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވައިދިނުމަށް ބާއްވާ ރާއްޖެ-ލަންކާ ބިޒްނަސް ފޯރަމަކީ ވަރަށް މުހިންމު ޕްލެޓްފޯމަކަށް ވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ލަންކާގައި މިވަގުތު 2،000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާއިރު، ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ގިނަ ދާއިރާތަކަކުން ގުޅުން ވަރުގަދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ދިފާއީ ދާއިރާ، ޒުވާނުންނާއި ކުޅިވަރު، ފިޝަރީޒް، ތިމާވެށި އަދި އުމްރާނީ ތަރައްގީގެ ދާއިރާ ހިމެނެއެވެ. ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖޭގައި އިންވެސްޓަރުންނާ ގާތް މާހައުލެއް ގާއިމުކޮށްދީ، ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވާލުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. މި އެއްބަސްވުންތަކުގެ ސަބަބުން މަތީ ތައުލީމާއި، ޓްރެއިނިން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ވެސް އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައެވެ.
ލަންކާގައި ބީއެމްއެލްގެ ހިދުމަތް ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވެއްޖެ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.