މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި، ދިވެހި ހައްޖު މިޝަންގެ މެމްބަރުން ސައުދި އަރަބިއްޔާގެ މައްކާއަށް ފުރައިފިއެވެ. މި މިޝަނަކީ ހައްޖުގެ އަޅުކަމަށް ދާ ދިވެހި ހާޖީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާ ރަސްމީ ފަރާތެވެ.

ހައްޖު މިޝަންގެ މައިގަނޑު މަސައްކަތަކީ ދިވެހި ހާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ މިނިސްޓްރީއާއި، އެ ގައުމުގެ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމެވެ. މިގޮތުން ހާޖީންގެ ހުރުމާއި، ދަތުރުފަތުރާއި އަދި އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުމުގައި މި މިޝަނުން އިސް ދައުރެއް އަދާކުރާނެއެވެ.

މި އަހަރުގެ ހައްޖު މިޝަންގައި ޖުމްލަ 10 މެންބަރަކު ހިމެނެއެވެ. މި މިޝަންގެ އިސްވެރިއެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނަރަލް، އައްޝައިހް އިމްތިތާއު އައްބާސް އެވެ.

ކޮންމެ އަހަރަކުވެސް ހައްޖުވެރިންގެ ކަންކަން ގާތުން ބެލެހެއްޓުމަށް ފޮނުވާ މި މިޝަންގައި، ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ އިތުރުން، ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް މެޑިކަލް ޑޮކްޓަރަކާއި، ދީނީ އިރުޝާދު ދެއްވުމަށް ދީނީ އިލްމުވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.

މި އަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ. ހައްޖު މިޝަންގެ މެމްބަރުން ކުރިން ފުރާފައިވަނީ ހައްޖުވެރިން ދިއުމުގެ ކުރިން ކުރަންޖެހޭ އެންމެހާ ތައްޔާރީތައް ފުރިހަމަކުރުމަށެވެ.