1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޔޫރަޕުގައި ރާއްޖެ އިޝްތިހާރުކުރަން ރޯޑް ޝޯއެއް ބާއްވަނީ

cb
ޝަފްޢަތު ، ހުވަދޫ މީޑީއާ
107ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރަޝިޔާ، ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް) އަދި ޔޫރަޕްގެ ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

”އައި އެމް މޯލްޑިވްސް“ ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ އެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތާ އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖެއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ޒިޔާރަތްކުރަން އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މި މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށްވާ ”އައި އެމް މޯލްޑިވްސް – ރަޝިޔާ އެންޑް ސީ.އައި.އެސް“ ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 14 އިން 18 އަށެވެ. މި ފިޔަވަހީގައި އަލްމަޓީ، މޮސްކޯ އަދި ސެންޓް ޕީޓާސްބާގްގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ވޯކްޝޮޕްތަކާއި، ވިޔަފާރިވެރިންނާ ބައްދަލު ކުރުމުގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

300 × 250

ދެވަނަ ފިޔަވަހި ކަމަށްވާ ”އައި އެމް މޯލްޑިވްސް – ސެންޓްރަލް އެންޑް އީސްޓަން ޔޫރަޕް“ ރޯޑްޝޯ ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 9 އިން 13 އަށް ބަލްގޭރިއާ، ހަންގޭރީ އަދި ސުލޮވީނިއާގައެވެ. މި ހަރަކާތްތަކުގައި ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، މޫދު ކުޅިވަރުތަކާ ގުޅޭ މައުލޫމާތު ބޭރުގެ މާކެޓްތަކަށް ހިއްސާކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން، ހުރިހާ އިންތިޒާމުތަކަކާއި، ހަރަކާތްތައް ހިންގުމާއި، ފައިސާގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލާނީ އެންއެޗްޖީއޭއެމްއިންނެވެ. ވީއެމްސީގެ ދައުރަކީ މި ހަރަކާތްތަކަށް އެންޑޯޒްމަންޓް ދިނުމާއި، ރާއްޖޭގެ ބްރޭންޑިންގްއާއި އިޝްތިހާރު ކުރުމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ވީއެމްސީން ފާހަގަކުރި ގޮތުގައި، މި ރޯޑްޝޯތަކުގެ ސަބަބުން ރަޝިޔާ، ސީއައިއެސް އަދި ސީއީއީ ސަރަހައްދުގެ ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން އަދި މީޑިއާއާ އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިވެ، ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި