1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސްގެ ވަގުތު ކަނޑައަޅަން ކޮމިޓީ ބައްދަލުވުން މިއަދަށް ތާވަލުކޮށްފި

a980dd8d-4a52-49b2-9a78-293b3a376f6b
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ނަދީމް އަލީ
111ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަށް ބަހުސް ކުރާނެ ވަގުތާއި، ޖަވާބުދާރީވުމަށް އޭނާއަށް ދޭނެ ވަގުތު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް މިއަދަށް ތާވަލުކޮށްފިއެވެ.

މިއަދު ހަވީރު 4:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮމިޓީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ނިންމާނީ، ގަރާރުގެ ބަހުސްގެ މަރުހަލާގައި މެންބަރުންނަށް ވާހަކަ ދެއްކުމަށް ދޭނެ ވަގުތާއި، ވާހަކަ ދައްކަވާނެ މެންބަރުންގެ އަދަދެވެ. މީގެ އިތުރުން، އަމިއްލަ ދިފާއުގައި ޖަވާބުދާރީވުމަށް ނާޒިމަށް ދޭނެ ފުރުސަތުތަކާއި އެކަމަށް ހާއްސަކުރާނެ ވަގުތުވެސް މި ބައްދަލުވުމުގައި ކަނޑައަޅާނެއެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ނާޒިމް މަގާމުން ވަކިކުރުމަށް ނިންމާފައިވަނީ އެ ޕާޓީގެ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި ގަރާރަކުންނެވެ. މަޖިލީހަށް ހުށަހެޅި މި ގަރާރުގައި ނާޒިމާ ދެކޮޅަށް ސީރިއަސް ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލީހުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ޒިންމާއިން ބަރީއަވުން ހިމެނެއެވެ.

300 × 250

މީގެ އިތުރުން، މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާކަން "ސާފުވާން އޮތް" ކަމަށާއި، މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކުރުމުގައި އިހުމާލުވެފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ. އަދި ނާޒިމްގެ އަމަލުތައް ހުރި ގޮތުން މެންބަރުންގެ ވާޖިބުތައް އަދާކުރުމަށް އޭނާ "ހުރަހަކަށް ވެފައިވާ" ކަމަށްވެސް ޕީއެންސީގެ މެންބަރުން ތުހުމަތު ކުރައްވައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މަޖިލީހުގެ ޖުމްލަ 93 މެންބަރުންގެ ތެރެއިން ޕީއެންސީގެ 76 މެންބަރުން ތިއްބަވާއިރު، ނާޒިމް މަގާމުން ވަކިކުރުމަށް ބޭނުންވާ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް އޮތްކަން ފާހަގަކުރެވެއެވެ.

އަހުމަދު ނާޒިމަކީ 17 ވަނަ މަޖިލީހުގައިވެސް ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިފަހަރުގެ މަޖިލީހުގެ ނައިބު ރައީސްކަމަށް އޭނާ އިންތިޚާބުވީ 80 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އޭރު އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި