ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ގެންނަ ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ. އިޔާސް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، މޯލްޑިވިއަންގެ ފްލީޓަށް އިތުރު ވައިޑް-ބޮޑީ ބޯޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ދުނިޔޭގެ ބާޒާރުގައި މިފަދަ ބޯޓުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބައެއް ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަން އިޔާސް ފާހަގަކުރެއްވިއެވެ. "މިކަމުގައި އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ މާކެޓުގައި މި ބޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރު އަޅުގަނޑުމެންނަށް މި މަސައްކަތް ކުރެވެމުންދާކަން. އެހެންކަމުން އެއަރކްރާފްޓު އެވޭލަބިލިޓީ ވަރަށް ބޮޑަށް ލިމިޓްކޮށް ހުރީ،" އިޔާސް ވިދާޅުވިއެވެ. ދެވަނަ ވައިޑް-ބޮޑީ ބޯޓު ލިބުމާއެކު، ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އަދި އައު މާކެޓުތަކަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ ރޭވިފައެވެ. އެގޮތުން ބައިނަލްއަޤުވާމީ ފްރޮފެޝަނަލް ކޮންސެލްޓަންސީއާއި ފީސަބިލިޓީ ސްޓަޑީތަކަށް ބިނާކޮށް، ރަޝިޔާއާއި ސައުތު ކޮރެއާއަށް ދަތުރުތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މޯލްޑިވިއަންއިން ފުރަތަމަ ވައިޑް-ބޮޑީ ބޯޓެއްގެ ގޮތުގައި އެއަރބަސް އޭ330-200 މަރުކާގެ ބޯޓެއް ގެނައީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. 264 މީހުންގެ ޖާގައިގެ މި ބޯޓު ބޭނުންކޮށްގެން މިހާރުވެސް ޗައިނާ، އިންޑިއާ، ބަންގްލަދޭޝް އަދި އޮސްޓްރޭލިއާގެ އިތުރުން ޙައްޖާއި ޢުމްރާގެ ދަތުރުތައް ދަނީ ބާއްވަމުންނެވެ. ސަރުކާރުގެ އަމާޒަކީ ޤައުމީ އެއަރލައިންގެ ޚިދުމަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ހޯދައިދިނުމެވެ. މިއަހަރު ނިމުމުގެ ކުރިން ދެވަނަ ބޯޓު އޮޕަރޭޝަނަށް ގެނައުމަކީ މި އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ދެކެއެވެ.