ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމު ވަކިކުރުމުގެ ވޯޓު ނެގުމަށް ބާއްވާ ޚާއްޞަ ޖަލްސާ އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ. މި މައްސަލައަކީ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުށަހަޅާފައިވާ މައްސަލައެކެވެ. ނާޒިމު މަގާމުން ވަކިކުރުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމީ މިދިޔަ މޭ މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ގުރޫޕުން މިގޮތަށް ނިންމީ ނާޒިމުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރުމަށްފަހުއެވެ. މި ނިންމުމާ ގުޅިގެން 73 މެންބަރުންގެ ސޮޔާއެކު އޭނާ ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ. މަޖިލީހުގެ އާއްމު ކޮމިޓީން މިދިޔަ ހަފުތާގައި ވަނީ މި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އުސޫލުތައް ކަނޑައަޅާފައެވެ. އެގޮތުން މުޅި މައްސަލައަށް އެއް ގަޑިއިރުގެ ވަގުތު ކަނޑައަޅާފައިވާއިރު، މެންބަރުން ބަހުސްކުރުމަށް 50 މިނިޓު އަދި އަމިއްލަ ދިފާއުގައި ޖަވާބުދާރީވެވަޑައިގަތުމަށް ނާޒިމަށް 10 މިނިޓުގެ ވަގުތެއް ދިނުމަށް ވަނީ ނިންމާފައެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް ވަކިކުރުމުގެ ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަވުމަށްފަހު، ފުރަތަމަ އަންނަ ރަސްމީ ދުވަހު އެ މައްސަލައާމެދު ގޮތެއް ނިންމަން ޖެހެއެވެ. ނާޒިމަށް ފޮނުވި ނޯޓިސްގެ މުއްދަތު މާދަމާ ހަމަވާއިރު، އާދީއްތަ ދުވަހަކީ މުއްދަތު ހަމަވުމަށްފަހު އަންނަ ފުރަތަމަ ރަސްމީ ދުވަހެވެ. މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އަންގާފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮންނާނީ ހަމައެކަނި ނާޒިމު ވަކިކުރުމުގެ މައްސަލައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނައިބުރައީސް މަގާމުން ވަކިކުރުމަށް ބޭނުންވަނީ އެ ޖަލްސާގައި ބައިވެރިވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތެވެ.